ފަތުރުވެރިކަން ފުޅާކުރަން އިތުރު ދެ ގައުމަކާއެކު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން އެކުލަވާލަނީ

ފަތުރުވެރިކަން ފުޅާކުރަން އިތުރު ދެ ގައުމަކާއެކު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން އެކުލަވާލަނީ

Author
އަހުމަދު
04 އޮގަސްޓް 2026 02:49
0

ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ ދޮރު އިތުރަށް ފުޅާކުރުމަށް، އިތުރު ދެ ގައުމަކާއެކު އެއަރ ސަރވިސް އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވަޒީރު އަމީން ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ މިހާތަނަށް ހެދިފައި ހުރި އެއަރ ސަރވިސް އެއްބަސްވުންތަކުގެ ދަށުން ރާއްޖެއަށް ލިބިފައިވާ ޓްރެފިކް ރައިޓްސްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަމަށެވެ. މީގެ ކުރިން މި ކަން ފުރިހަމައަށް ނުކުރެވި އޮތް ނަމަވެސް، މިހާރު އެ ދިމާލަށް މަސައްކަތްތައް ބައްޓަންކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކުރިއަށްދާ މަޝްވަރާތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ ބޮޑެތި މަސައްކަތްތަކަކަށްވުމުން ވަގުތު ނަގާނެ ކަމަށާއި، ނަމަވެސް މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި މާ ލަސްތަކެއް ނުވެ އެ އެއްބަސްވުންތަކުގެ ނަތީޖާ ފެންނާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

މީގެ އިތުރުން، މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަ މާކެޓުތަކުގެ ބޭރުން، އައު މަންޒިލްތަކުން ފަތުރުވެރިން ގެނައުމަށްވެސް ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެއަރ ސަރވިސް އެއްބަސްވުމަކީ ދެ ގައުމެއްގެ ދެމެދުގައި ވިޔަފާރި އުޞޫލުން ފްލައިޓު ދަތުރުކުރުމުގެ އުޞޫލުތައް ކަނޑައަޅާ އެއްބަސްވުމެކެވެ. މި ފަދަ އެއްބަސްވުމެއްގެ ދަށުން، ރާއްޖެއަށް ދަތުރުކުރެވޭނީ ކޮން އެއަރލައިންތަކަކަށްކަމާއި، ކިތައް ސީޓު ލިބޭނެކަމާއި، ދަތުރުކުރެވޭނެ މާކެޓުތައް ކަނޑައެޅެއެވެ. ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގެ މައްޗަށް ބޮޑަށް ބިނާވެފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް، މި އެއްބަސްވުންތަކަކީ ނުހަނު މުހިންމު އެއްބަސްވުންތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.