ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، އެގްޒެކްޓިވް ޓީމުގެ ހަތަރު މެމްބަރެއްގެ ދައުރު ކުރިއަށް އޮތް ހަ މަހަށް ބަދަލުކޮށްފިއެވެ.
މި ބަދަލާއެކު އައިޝަތު ޒަމްރާ ޒާހިރު ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް، މޫސާ ނިމާލް ޗީފް މާކެޓިން އޮފިސަރުގެ މަގާމަށް، ރަޝްފާ ޖައުފަރު ޗީފް ރިސްކް އޮފިސަރުގެ މަގާމަށް، އަދި ގެރީ ލޯޓަން ޗީފް ކްރެޑިޓް އޮފިސަރުގެ މަގާމަށް ވަނީ ހަމަޖައްސާފައެވެ. ބޭންކުން ބުނާ ގޮތުގައި މިއީ ބޭންކުގެ ޒިންމާދާރުކަން ބޮޑުކޮށް، ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް އަވަސްކުރުމަށް އެޅި ފިޔަވަޅެކެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ބޭންކު މިވަގުތު އޮތީ ހަރުދަނާ މާލީ ހާލަތެއްގައި ކަމަށާއި، މި ބަދަލުތަކުގެ މަގުސަދަކީ ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް ފުރިހަމަކޮށް، ބޭންކުގެ ކުރިއެރުން ހަލުވިކުރުން ކަމަށެވެ. އަދި ތަޖުރިބާކާރު ވެރިންނަށް އެ ބޭފުޅުންގެ ދާއިރާއާ ގުޅުންހުރި އެހެން ދާއިރާތަކުގެ ތަޖުރިބާ ހޯދައިދިނުމަކީ، މުޅި މުއައްސަސާއަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށާއި، މިއީ ހުރިހާ ފަންތިއެއްގައި ދިވެހި ހުނަރުވެރި ވެރިން ބިނާކުރުމަށް ބޭންކުން ދޭ އަހަންމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި، މި ބަދަލުތަކަކީ ބޭންކުގެ ދެމެހެއްޓެނިވި ކުރިއެރުމަށާއި، ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އެކުލަވާލާފައިވާ ދުރުރާސްތާގެ ސްޓްރެޓެޖިކް އަމާޒުތަކާ އެއްގޮތަށް އެޅި ފިޔަވަޅެކެވެ. މިއީ ބޭންކުގެ އެތެރޭގެ ހިންގުމަށް ގެނެވުނު ބަދަލެއް ކަމަށްވާތީ، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް، ނުވަތަ މުއާމަލާތްކުރަމުންދާ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް ބޭންކުން ބުންޏެވެ.
ބޯޑް އޮފް ޑައިރެކްޓަރުންގެ ރުހުމާއެކު އެކުލަވާލި މި އާ އޮނިގަނޑަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެއެވެ.
ކޮމެންޓު ފޮނުވާ