ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ކެޓަގަރީއަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި، ވީއައިއޭ ނޮމިނޭޓްވެފައިވަނީ "އިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓް 2026″ ގެ ކެޓަގަރީއަށެވެ. މާމަހި އެގްޒެކެޓިވް ލައުންޖަށް ލިބިފައިވަނީ "އިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓް ލައުންޖް 2026″ ގެ ކެޓަގަރީގެ ނޮމިނޭޝަނެވެ.
މީގެ ކުރިން 12 ފަހަރު ވީއައިއޭ ވަނީ މި ލަގަބު ހޯދާފައެވެ. އެމްއޭސީއެލް އިން ފާހަގަކުރި ގޮތުގައި، މި ފަހަރުގެ ނޮމިނޭޝަނަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ފާހަގަކޮށްލެވޭ އެންމެ ކުރިއަރާފައިވާ އެއް އެއާޕޯޓުގެ ގޮތުގައި ވީއައިއޭ ދަމަހައްޓަމުން އަންނަ މަގާމު ރަމްޒުކޮށްދޭ ކަމެކެވެ.
މާމަހި ލައުންޖަށް ލިބުނު ނޮމިނޭޝަނާ ބެހޭ ގޮތުން އެ ކުންފުނިން ބުނީ، "މިއީ ފަސިންޖަރުންނަށް ފެންވަރު ރަނގަޅު އަދި އަރާމު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ލައުންޖުން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެއް" ކަމަށެވެ.
މި ދެ ނޮމިނޭޝަނަކީ އެއާޕޯޓުގެ ހިދުމަތްތައް ތަރައްގީކޮށް، ފަސިންޖަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، ދިވެހިރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި ވީއައިއޭގެ މަގާމު ވަރުގަދަކުރުމަށް އެމްއޭސީއެލް އިން ކުރަމުންދާ މެދުނުކެނޑި މަސައްކަތްތަކުގެ ހެއްކެއް ކަމުގައި އެ ކުންފުނިން ސިފަކުރެއެވެ.
ކޮމެންޓު ފޮނުވާ