އަތޮޅުތެރޭގައި ހުރި 10 މެޖިސްޓްރޭޓް ކޯޓެއްގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.
ޖޭއެސްސީން ގެޒެޓުކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި ފަހަރު މެޖިސްޓްރޭޓުން ބޭނުންވަނީ ހއ. ހޯރަފުށި، ބ. އޭދަފުށި، ބ. ގޮއިދޫ، ޅ. ހިންނަވަރު، ކ. ހިންމަފުށި، އދ. މާމިގިލި، ފ. ނިލަންދޫ، ގދ. ގައްދޫ، ފުވައްމުލައް އަދި އައްޑޫ ފޭދޫ ކޯޓަށެވެ. މީގެ ތެރެއިން ބ. ގޮއިދޫ އަދި ކ. ހިންމަފުށީގެ ކޯޓަށް ހޯދާ ދެ ބޭފުޅުން އައްޔަނުކުރައްވާނީ އިސް މެޖިސްޓްރޭޓުންގެ ގޮތުގައި ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މި މަޤާމަށް ހޮވޭ ބޭފުޅުންނަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ކޮންމެ މަހަކު ޖުމުލަ 40،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަސާސީ މުސާރައިގެ ގޮތުގައި ދޭ 26،350 ރުފިޔާއާއި، ލިވިންގ އެލަވަންސްގެ ގޮތުގައި ދޭ 12،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި ދޭ 1،650 ރުފިޔާއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އުސޫލުގެ ދަށުން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް މެޖިސްޓްރޭޓުންނަށް ލިބިވަޑައިގަންނަވާނެއެވެ.
އުމުރުން 25 އަހަރު ފުރިފައިވާ ކޮންމެ ބޭފުޅަކަށްވެސް މި މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އެބައޮތެވެ. ޖޭއެސްސީން ބުނާ ގޮތުގައި، ޝައުޤުވެރިވާ ފަރާތްތަކުން އޮގަސްޓު 12 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، އެ ކޮމިޝަނުގެ 'ފަހިރެސް' ޕޯޓަލް މެދުވެރިކޮށް ނުވަތަ ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހަޅައިގެން އެޕްލިކޭޝަން ފުރިހަމަކުރަންޖެހޭނެއެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ފުރިހަމަވާންޖެހޭ އިތުރު ޝަރުތުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލު ވެސް ޖޭއެސްސީގެ އިއުލާނުގައި ވަނީ ހިމަނާފައެވެ.
ކޮމެންޓު ފޮނުވާ