ވަކިނުކޮށް، އެއްކޮށްގެން ގެންދާ ކުނި، ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީން ބަލައިނުގަންނަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ނިންމައިފި އެވެ.
ވެމްކޯ އިން ނެރުނު އިއުލާނެއްގައި ބުނީ ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 ޕަސެންޓަކީ ތިލަފުއްޓަށް ގެންދާ ކުނި ކަމަށާއި، އެތަނަށް ގެންދާ ކުނި ހުންނަން ޖެހޭނީ އުސޫލާ އެއްގޮތަށް ވަކިކޮށްފައި ކަމަށެވެ. އެހެން ނަމަވެސް ގިނަ ކަސްޓަމަރުން ކުނި ގެންދަނީ ބޮޑަށް އެއްކޮށްގެން ކަމަށާއި، އެކަމުގެ ސަބަބުން ރައްކާތެރި ގޮތެއްގައި ކުނި މެނޭޖްކުރުމަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދާދިފަހުން ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާގެ އެންމެ ބޮޑު އެއް ސަބަބަކީ ވެސް ކުނި ވަކިނުކޮށް އެއްކޮށްގެން ގެންދިއުން ކަމަށް ވެމްކޯ އިން ފާހަގަކުރި އެވެ.
އެ ފެސިލިޓީއަށް ގެންދާ ކުނި ތިން ބަޔަކަށް ވަކިކޮށްފައި ހުންނަން ޖެހޭ ކަމަށް ވެމްކޯ އިން ބުނެ އެވެ. އެއީ ގާކުންޏާއި، އެހެނިހެން ކުންޏާއި، ބޮޑެތި ކުންޏެވެ. ޚާއްސަކޮށް ގާކުނި ހުންނަން ޖެހޭނީ އެހެން ކުންޏާ ނުއެއްވާ ގޮތަށް ވަކިކޮށްފައި ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ލޭންޑިން ކްރާފްޓަށް ކުނި ބަރުކުރާއިރު ފުރަތަމަ ލޯޑުކުރަން ޖެހޭނީ ބޮޑެތި ކުނި ކަމަށާއި، ދެން އެހެނިހެން ކުނި، އަދި އެންމެ ފަހުން ގާކުނި ކަމަށް ވެމްކޯ އިން ބުންޏެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށާއި، ކޯޕަރޭޝަންގެ މުވައްޒަފުންނާއި މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުނި ވަކިކޮށްފައި ހުރުމަކީ މުހިއްމު ކަމެއް ކަމަށް ވެމްކޯ އިން ބުންޏެވެ.
"ވަކިނުކޮށް އެއްކޮށްގެން ކުނި ގެންނަ ފަރާތްތަކަށް ތިލަފުށި ރީޖަނަލް ފެސިލިޓީ އިން ހިދުމަތް ފޯރުކޮށް ނުދެވޭނެ ވާހަކަ ހަނދާންކޮށް ދެމެވެ،" އެ އިއުލާނުގައިވެ އެވެ.
އުސޫލާ ޚިލާފަށް ކުނި ގެންދާ އުޅަނދުފަހަރު އަނބުރާ ފޮނުވާލާނެ ކަމަށާއި، އެފަދަ އުޅަނދުތަކުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކުރާނެ ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.
ވެމްކޯ އިން މިގޮތަށް ނިންމިއިރު، މިދިޔަ މަހުގެ ފަހުކޮޅު ތިލަފުށީ ސައިޓްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަނަށް ބުރޫއަރައި، ކުނި ބަލައިގަންނަ މިންވަރު ވަނީ މަދުކޮށްފަ އެވެ. ވެމްކޯގެ އޮޕަރޭޝަން އާންމު ހާލަތަށް ގެނެސް ހިދުމަތް އަލުން ފެށީ އިއްޔެ އެވެ.
ކޮމެންޓު ފޮނުވާ