އަންހެނެއްގެ ޖަންގިޔާ ތެރެއިން ފެނުނު 9.2 ގްރާމްގެ ޑައިމޯފިންއާ ފިރިހެނަކު ހަވާލުވުމުން، އެ އަންހެން މީހާގެ މައްޗަށް އުފުލި ޓްރެފިކް ކުރުމުގެ ދައުވާ ދައުލަތުން ދޫކޮށްލައިފިއެވެ.
މި މައްސަލައަކީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ލ. އަތޮޅުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހއ. ހޯރަފުއްޓަށް ނިސްބަތްވާ އަންހެނަކާއި ލ. މާވަށު ފިރިހެނަކު ހައްޔަރު ކުރި މައްސަލައެކެވެ. ފުލުހުން އަންހެން މީހާ ބަލައި ފާސްކުރި އިރު، އޭނާ ލައިގެން ހުރި ޖަންގިޔަލުގައި ހަރުކޮށްފައި ހުރި ޕެޑެއްގެ މަތީގައި ޓޭޕް އަޅައި، 9.2 ގްރާމްގެ ޑައިމޯފިން ފޮރުވާފައި ހުއްޓާ ފެނުނު ކަމަށް، މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައިވެއެވެ.
މި މައްސަލައާ ގުޅިގެން ދެ މީހުންގެ މައްޗަށް ވެސް ދައުލަތުން ދައުވާ އުފުލައި، މިދިޔަ އަހަރުގެ ކުރީކޮޅު ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ. އަންހެން މީހާގެ މައްޗަށް އުފުލީ، އުމުރު ދުވަހުގެ ޖަލު ހުކުމަކާއެކު މަދުވެގެން އެއް ލައްކަ ރުފިޔާގެ ޖޫރިމަނާއެއް އަންނަ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. ފިރިހެން މީހާގެ މައްޗަށް، ހަމަ އެ ދައުވާގެ އިތުރުން ކެނެބިސް ބޭނުން ކުރުމުގެ ދައުވާއެއް ވެސް އުފުލިއެވެ.
ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި ފިރިހެން މީހާ ބުނީ، އަންހެން މީހާގެ ޖަންގިޔަލުގެ ތެރެއިން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށެވެ. އެގޮތަށް ފިރިހެން މީހާ ބުނެ، އެ ޑްރަގާ ހަވާލުވުމުން، އަންހެން މީހާގެ މައްޗަށް އުފުލި ދައުވާ ކުރިއަށް ނުގެންދަން ދައުލަތުން ނިންމައި، އެ މައްސަލަ އަނބުރާ ފޮނުވާލުމަށް ކޯޓުގައި އެދުނެވެ. އެ އެދުމާ އެއްގޮތަށް ކޯޓުން މައްސަލަ ވަނީ އަނބުރާ ފޮނުވާލައިފައެވެ.
ފިރިހެން މީހާގެ މައްޗަށް އުފުލި ދެ ދައުވާ ވެސް ސާބިތުވީ އޭނާ ކުށަށް އިއުތިރާފުވުމުންނެވެ. ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދައި، ކުށަށް އިއުތިރާފުވުމުން، ފިރިހެން މީހާގެ މައްޗަށް ވަނީ ލުއި އަދަބެއް އިއްވައިފައެވެ. އެގޮތުން ކެނެބިސް ބޭނުން ކުރުމުގެ ދައުވާއާ ގުޅިގެން އެއް އަހަރާއި ފަސް މަހާއި ހަތަރު ދުވަހުގެ ޖަލު ހުކުމެއް، އަދި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާ ގުޅިގެން 12 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމަކާއެކު، ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ބައި ލައްކަ ރުފިޔާގެ ޖޫރިމަނާއެއް އޭނާގެ މައްޗަށް ވަނީ އިއްވައިފައެވެ.
ކޮމެންޓު ފޮނުވާ