އިރާނަށް ދޭން އުޅުނު ހަމަލާ ޓްރަމްޕް މަޑުޖައްސާލައިފި

އިރާނަށް ދޭން އުޅުނު ހަމަލާ ޓްރަމްޕް މަޑުޖައްސާލައިފި

Author
އަހުމަދު
02 އޮގަސްޓް 2026 09:37
0

އިރާނަށް ދިނުމަށް ރާވާފައިވާ ހަމަލާތައް މަޑުޖައްސާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.

ޓްރަމްޕް މިކަން އިއުލާނު ކުރެއްވީ ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ވިދާޅުވަމުންނެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާގެ އަސްކަރިއްޔާ އޮތީ އިރާނާ ދެކޮޅަށް ހަމަލާދިނުމަށް ފުރިހަމައަށް ތައްޔާރުވެފައެވެ. ނަމަވެސް، އިރާނާއި މެދުއިރުމަތީގެ އެހެން ގައުމުތަކުން އެދިފައިވާ އެދުމަކަށް ހަމަލާދިނުން މިވަގުތަށް މަޑުޖައްސާލުމަށް އޭނާ ވަނީ އެއްބަސްވެވަޑައިގެންފައެވެ. މި ނިންމުން ނިންމެވީ އެއްބަސްވުމެއްގެ އަސާސީ ކަންކަމާ މެދު ދެފަރާތުން އެއްގަލަކަށް އެރުމުން ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

ހުށަހެޅިފައިވާ އާ އެއްބަސްވުމުގެ ދަށުން ހޮރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއާ ނުރައްކާ އެއްކޮށް ހުއްޓާލުން ހިމެނޭ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި ހަމަލާތައް މަޑުޖައްސާލުމަށް ނިންމި ނިންމުމުގައި އިޒްރެއިލުން ވެސް ބައިވެރިވާ ކަމަށާއި، ނަމަވެސް މިކަން ދެމިއޮންނާނީ ވަރަށް އަވަހަށް ފައިނަލް އެއްބަސްވުމަކަށް އާދެވުމުން ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

މިދިޔަ ބުދަ ދުވަހު އެމެރިކާއިން އިރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް ޓްރަމްޕް ކުރިން ވިދާޅުވެފައި ވީނަމަވެސް، ފާއިތުވި ދުވަސްތަކުގައި އެމެރިކާގެ އެއްވެސް ހަމަލާއެއް އިރާނަށް އަމާޒުވެފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. މީގެ އިތުރުން، އެމެރިކާއިން ހަމަލާދޭން ތައްޔާރުވުމާއެކު އިރާނުން ބުނީ ހަމަލާ ދީފި ނަމަ ދުޝްމަނުން ފުނޑުފުނޑު ކޮށްލާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.