މިފްކޯގެ ރީޓެއިލް މަސްފިހާރަތައް މިއަދުން ފެށިގެން ހުކުރު ދުވަހުވެސް ހުޅުވާ ގޮތަށް ނިންމައި، ފިހާރަތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބޮޑު ބަދަލެއް ގެނައުމަށް އެ ކުންފުނިން ނިންމައިފިއެވެ.
މިފްކޯ އިން ބުނީ، މި ބަދަލު ގެނެސްފައި ވަނީ ކުންފުނީގެ ވިޔަފާރި ފުޅާކޮށް، ކަސްޓަމަރުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ މަގުސަދުގައި ކަމަށެވެ.
އާ ބަދަލާއެކު ހުކުރު ދުވަސްތަކުގައި މިފްކޯގެ މަސްފިހާރަތައް ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން 10:30 އަށް، އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ. ހަފުތާގެ އެހެން ދުވަސްތަކުގައި ނަމާދު ގަޑިތައް ފިޔަވައި، ހެނދުނު 8:30 އިން ރޭގަނޑު 11:00 އަށް ފިހާރަތައް ހުޅުވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މި ބަދަލާ އެއްގޮތަށް، މާލެއާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ މިފްކޯގެ މަސްފިހާރަތަކާއި އައްޑޫ މަސްފިހާރައިން މިއަދުން ފެށިގެން ޚިދުމަތް ދެމުން ދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މިފްކޯ އިން ފާހަގަކުރި ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ހުކުރު ދުވަހަކީ އާއިލީ ބައްދަލުވުންތަކާއި މެންދުރުގެ ޚާއްސަ ކެއުންތަކަށް ދިވެހިން ބޮޑު އިސްކަމެއް ދޭ ދުވަހަކަށްވެފައި، އެ ވަގުތުތަކަށް ބޭނުންވާ ތާޒާ މަހުގެ ބާވަތްތައް ފަސޭހަކަމާއެކު އާންމުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ. އެގޮތުން ކޮންމެ ހުކުރު ދުވަހަކަށް ޚާއްސަކޮށްގެން ތަފާތު ބާވަތްތަކުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ރޭވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން، މި ބަދަލުގެ ސަބަބުން ރަސްމީ ދުވަސްތަކުގައި ވަޒީފާގައި އުޅޭ މީހުންނަށް، ހަފުތާ ބަންދުގައި ގެއަށް ބޭނުންވާ މަހާއި މިފްކޯގެ އެހެނިހެން އުފެއްދުންތައް ގަތުމުގައި ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މިފްކޯ އިން ފާހަގަކުރިއެވެ. ޚާއްސަކޮށް ހުކުރު ދުވަހަކީ ގިނަ ބަޔަކު މަސް ގަންނަން ބޭނުންވާ ދުވަހަކަށް ވުމުން، މިއީ ކަސްޓަމަރުންނަށް ލިބިގެންދާ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
މިފްކޯއިން މި ބަދަލު ގެނެސްފައި ވަނީ މާލެ ސަރަހައްދަށް ބޭނުންވާ މަހުގެ އުފެއްދުންތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، ކަނޑުއޮތްގިރީގެ އޮޕަރޭޝަންތައް އަލުން ފަށައި، ދާދި ފަހުން އެ ރަށުގައި ހިކިމަސް ފެކްޓަރީއަކާއި އައިސް ޕްލާންޓެއް ހުޅުވައި ޚިދުމަތްދޭން ފަށާފައިވާ ދަނޑިވަޅެއްގައެވެ. މި މަޝްރޫއުތަކާއެކު މިފްކޯގެ އުފެއްދުންތެރިކަން އިތުރުވެ، ކަސްޓަމަރުންގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމުގެ ގާބިލުކަން މިހާރު އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ކޮމެންޓު ފޮނުވާ