ސާކްގެ ބައްދަލުވުންތައް އަލުން ފެށުމަށްޓަކައި އިންޑިއާއާއި ޕާކިސްތާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރަން ރާއްޖެ ތައްޔާރަށް އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދެކުނު އޭޝިއާ ސަރަހައްދުގެ ޤައުމުތައް ހިމެނޭގޮތުން އެކުލަވާލި ސާކްއަކީ ސަރަހައްދީ ގޮތުން ނުހަނު މުހިންމު ޖަމިއްޔާއެއް ކަމަށާއި، ނަމަވެސް ފާއިތުވި ނުވަ އަހަރެއްހާ ދުވަހު އެ ޖަމިއްޔާގެ ހަރަކާތްތައް ހުއްޓިފައި އޮތުމަކީ ސަރަހައްދަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ.
އިންޑިއާއާއި ޕާކިސްތާނުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ސާކްގެ ހަރަކާތްތައް ހުއްޓިފައި އޮންނަތާ އަހަރުތަކެއް ވެއްޖެއެވެ. 2016 ވަނަ އަހަރު ކަޝްމީރުގައި އިންޑިއާ ސިފައިންނަށް އަމާޒުކޮށް ޕާކިސްތާނުގެ ޖައިޝޭ މުހައްމަދު ޖަމާއަތުން ދިން ހަމަލާތަކާ ގުޅިގެން، އިންޑިއާ ހިމެނޭގޮތުން ސާކްގެ ހަ ޤައުމަކުން އެ އަހަރު ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ސާކް ސަމިޓު ބޮއިކޮޓްކޮށް، ސަމިޓު ކެންސަލްކުރަން ޖެހުނެވެ.
ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، ސަރަހައްދުގެ ތަރައްޤީއާއި ސުލްހަ މަސަލަސްކަމަށްޓަކައި މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ރައީސް ވަނީ ދެ ޤައުމަށް ގޮވާލައްވާފައެވެ. އަދި އެކަން ކުރުމުގައި ދަތިތަކެއް ކުރިމަތިވާނަމަ، މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ރާއްޖެ ތައްޔާރަށް އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.
"ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ ފަރާތްތަކަށް ރާއްޖެއިން ގޮވާލަނީ އެކަންކަން އެއްކައިރިކޮށް މި ސަރަހައްދުގެ ތަރައްޤީއާއި ސުލްޙަ މަސަލަސްކަމަށް އެކުވެރިކަން އިސްކޮށް މޭޒުދޮށަށް ވަޑައިގަންނަވާށޭ. އެކަން ކުރަން އުނދަނގޫވާނަމަ ރާއްޖެ މިއޮތީ އިސްނަގާށޭ އެ މަޝްވަރާތައް ކުރިއަށް ގެންދަން މީޑިއޭޓަރަކަށް ވާންވެސް،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ޚިޔާލު ތަފާތުވުންތައް ބޮޑުވެ ހަނގުރާމައާ ހަމައަށް ދިއުމަކީ ރާއްޖެ ޤަބޫލުކުރާ ހަމައެއް ނޫން ކަމަށާއި، ސުލްހަވެރި ހައްލުތަކަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެ ކަމަށެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންދާ ލާއިންސާނީ އަނިޔާތައް ރާއްޖެއިން ކުށްވެރިކުރައްވާކަން ފާހަގަކުރައްވާ، އެ ގަތުލުއާއްމާ ދެކޮޅަށް ރާއްޖެ އަބަދުވެސް އޮންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިސްރާއީލު ފިޔަވައި، ދުނިޔޭގެ ކުދިބޮޑު ހުރިހާ ޤައުމަކާއެކުވެސް ޚާރިޖީ ގުޅުން ބާއްވާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ ނާދެވޭގޮތަށް ނިންމި ނިންމުން ފަޚުރުވެރިކަމާއެކު ދެމެހެއްޓޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
"އިސްރާއިލް ޕާސްޕޯޓުގައި މި ޤައުމަކަށް ނާދެވޭނެކަމަށް އަޅުގަނޑުމެން ނިންމީ ފަޚުރުވެރިކަމާއިއެކު. އެކަން ދަމަހައްޓާނަން އަޅުގަނޑުމެން. އެހެން ހުރިހާ ޤައުމުތަކާއިއެކު ގާތް ގުޅުމެއް އޮންނާނެ،" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ އަރަބި-އިސްލާމީ ޤައުމުތަކާއެކު ގާތް ގުޅުމެއް ބޭއްވުމުގެ މައްޗަށް ކަމަށާއި، އެއީ ދިވެހިންނާ އެންމެ ގުޅޭ ސިޔާސަތުކަން ރައީސް ފާހަގަކުރެއްވިއެވެ. މި ސިޔާސަތުތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ހިތްހަމަޖެހުމާއި ފާގަތިކަން ލިބޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ