އެއާޕޯޓް ޓެކުހާއި ފީ (އޭޓީއެފް) ގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ދައުލަތަށް 2.2 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު ދައްކާ ގޮތުން، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޑިޕާޗާ ޓެކުހުގެ ގޮތުގައި 1.09 ބިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) ގެ ގޮތުގައި 1.11 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 15.7 ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނީ 975.6 މިލިއަން ރުފިޔާ އަދި އޭޑީއެފްގެ ގޮތުގައި ލިބުނީ 977.7 މިލިއަން ރުފިޔާ އެވެ.
ޑިޕާޗާ ޓެކުހުގެ ގޮތުގައި މިހާރު ނަގަނީ އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 50 ޑޮލަރެވެ. ބިޒްނަސް ކްލާހުން ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 60 ޑޮލަރު، ފަސްޓް ކްލާހުން 90 ޑޮލަރު އަދި ޕްރައިވެޓް ޖެޓުން ދަތުރުކުރާ ފަރާތްތަކުގެ އަތުން 120 ޑޮލަރު ނަގަ އެވެ. މި ޓެކުހުން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިންނެވެ.
އޭޑީއެފްގެ ގޮތުގައި ވެސް އިކޮނޮމީ ކްލާހުގެ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 50 ޑޮލަރު ނަގާއިރު، ބިޒްނަސް ކްލާހުން 120 ޑޮލަރު، ފަސްޓް ކްލާހުން 240 ޑޮލަރު އަދި ޕްރައިވެޓް ޖެޓުން 480 ޑޮލަރު ނަގަ އެވެ. މި ފީން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޑައިރެކްޓް ޓްރާންސިޓް ފަސިންޖަރުންނެވެ.
ކޮމެންޓު ފޮނުވާ