ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި "ސައްބީސް ކާނިވަލް"ގެ ނަމުގައި ބޮޑު ކާނިވަލެއް މިއަދު ހަވީރު ފަށައިފިއެވެ.
އޮފިޝަން އިވެންޓްސްއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރިއަށްގެންދާ މި ކާނިވަލް ފެށުނީ މިއަދު ހަވީރު 16:00 ގައެވެ. އަށް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކާނިވަލް މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ވެސް ހަވީރު 16:00 އިން ރޭގަނޑު 23:00 އަށް ސެންޓްރަލް ޕާކުގައި ކުރިއަށްދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ހުރިހާ އުމުރުފުރައަކަށް ބައިވެރިވެވޭ ގޮތަށް ރޭވިފައިވާ މި ކާނިވަލްގައި، ކާނިވަލް ގޭމްސްއާއި ހޮރޯ ހައުސްގެ އިތުރުން ޑިޖިޓަލް ގޭމިން އެރީނާއެއް ވެސް ބަހައްޓާފައި ހުންނާނެއެވެ. ހަމައެއާއެކު، ކުޑަކުދިންނަށް ހާއްސަ ސަރަހައްދަކާއި، އިންފްލޭޓަބަލްސް، ފުޑް ކިއޮސްކުތައް، އަދި ލައިވް މިއުޒިކާއެކު ބޮޑުބެރު ހުށަހެޅުންތައް ވެސް ކާނިވަލްގެ އެކި ދުވަސްތަކުގައި ހިމެނޭނެ ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.
އެޗްޑީސީން ބުނާ ގޮތުގައި، މި ކާނިވަލަކީ މިނިވަން ދުވަހުގެ އުފާ ފާޅުކުރުމުގެ އިތުރުން، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކޮށް، ކުދި ބޮޑު އެންމެން އެއްތަނަކަށް އެއްވެ މަޖާކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ހުޅުމާލޭގެ ރައްޔިތުންގެ ބައިވެރިވުމާއެކު މިފަދަ މުނާސަބަތުތައް ކުލަގަދަކޮށް ފާހަގަކުރުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް ވެސް ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ