ޕެންޝަން އޮފީހުގެ ޗީފް ލީގަލް އޮފިސަރު އަބްދުﷲ ފިކުރީ އާއި ހެޑް އޮފް އިންވެސްޓުމަންޓު ހައިފާ އަހުމަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ހައިފާ އިސްތިއުފާ ދެއްވީ މިއަދު އެވެ. ފިކުރީ އިސްތިއުފާ ދެއްވީ މި ހަފްތާގެ ކުރީކޮޅުއެވެ. މި ދެ ބޭފުޅުން މަގާމުން ވަކިވެވަޑައިގަތީ ސީދާ ކޮން ސަބަބަކާ ހުރެކަން އަދި ސާފެއް ނުވެއެވެ.
އެހެންނަމަވެސް ދެ ބޭފުޅުންގެ އިސްތިއުފާ ދިމާވެފައި މިވަނީ، ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ނަގަން މަސައްކަތް ކުރާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ ކަންތައް އަލުން ފެށިފައިވާކަމުގެ އަޑުތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.
މިއީ ޕެންޝަން އޮފީހުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން މި މައްސަލައާ ގުޅިގެން އިސްތިއުފާ ދެއްވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އެކި ފަހަރު މަތިން، އެ އޮފީހުގެ އިސް ބޭފުޅުން ވަނީ މަގާމުތަކުން ވަކިވެވަޑައިގެންފައެވެ. އެ ބޭފުޅުން އިސްތިއުފާ ދެއްވީ ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭއަށް ވިއްކާލުމަށްފަހު، އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓު ކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުން ނިންމުމާ ގުޅިގެންނެވެ.
އޭގެ ފަހުން އެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، އިސްތިއުފާ ދެއްވި މަގާމުތަކަށް އައު ބޭފުޅުން އައްޔަން ކުރައްވައި، އެ މަސައްކަތް އަލުން ކުރިއަށް ގެންދާ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.
ކޮމެންޓު ފޮނުވާ