ޕެންޝަން ފަންޑު މެދުވެރިކޮށް ރުފިޔާ ޗާޕުކުރުމަކީ ގައުމުގެ މާލީ ނިޒާމު ހަލާކުކޮށްލުން: ޝާހިދު

ޕެންޝަން ފަންޑު މެދުވެރިކޮށް ރުފިޔާ ޗާޕުކުރުމަކީ ގައުމުގެ މާލީ ނިޒާމު ހަލާކުކޮށްލުން: ޝާހިދު

Author
އަހުމަދު
23 ޖުލައި 2026 02:56
0

ޕެންޝަން ފަންޑު މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ ޓްރެޜަރީ ބިލްގައި އިންވެސްޓް ކުރުމަކީ ސަރުކާރުން ސީދާ ފައިސާ ޗާޕުކުރުން ކަމަށާއި، މިކަމުގެ ސަބަބުން މުޅި ގައުމުގެ މާލީ ނިޒާމު ހަލާކުވެގެންދާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް، އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު ވިދާޅުވީ، ޕެންޝަން ފަންޑު މެދުވެރިކޮށް އެމްއެމްއޭ އިން ސަރުކާރުގެ ޓީ-ބިލްގައި އިންވެސްޓް ކުރުމަކީ ސަރުކާރުން ސީދާ ފައިސާ ޗާޕުކުރުން ކަމަށާއި، މިކަމުގެ ސަބަބުން އިންފްލޭޝަން މަތިވެ، ދިވެހި ރުފިޔާގެ އަގު އިތުރަށް ވެއްޓި، ޑޮލަރު ލިބުން ދަތިވެ ޑޮލަރުގެ އަގު އިންތިހާއަށް މަތިވެގެންދާނެ ކަމަށެވެ.

ޕެންޝަން އޮފީހުގެ ބޯޑު މެމްބަރުންނާއި، ޕެންޝަން އޮފީހުގެ އިސް މުވައްޒަފުން އިސްތިއުފާ ދެމުން ގެންދާ ގެންދިއުމަށް ބެލުމެއްނެތި، 2.4 ބިލިއަން ރުފިޔާ ޗާޕުކުރުމަކީ ކަނޑައެޅިގެން ރައްޔިތުންގެ މުސްތަގުބަލާއި މުޅި ގައުމުގެ މާލީ ނިޒާމު ހަލާކުކޮށްލުން ކަމަށްވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައިސާ ޗާޕުނުކުރައްވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް، އެ ވައުދާ ޚިލާފުވެ، މާލީ ނިޒާމަށް މިވަރު ބޮޑު ގެއްލުމެއް ލިބިދާނެ ގޮތަކަށް ކަން ކުރެއްވުމަކީ ވަރަށް ދެރަވަރު ކަމެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު މިހެން ވިދާޅުވެފައި މިވަނީ، ޕެންޝަން ފަންޑުގައި ހުރި 2.4 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބޮންޑް ސެކަންޑަރީ މާކެޓް މެދުވެރިކޮށް އެމްއެމްއޭއަށް ވިއްކާ، އެ ފައިސާ އަލުން ސަރުކާރުގެ އާ ބޮންޑަކަށް އިންވެސްޓް ކުރުމުގެ މުއާމަލާތާ ގުޅިގެން ޕެންޝަން އޮފީހުގެ ބޯޑު މެންބަރު އަހްމަދު ސަރުވަޝް އާދަމް އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. ސަރުވަޝްގެ އިސްތިއުފާގެ ސިޓީގައި ފާހަގަކުރައްވާފައި ވަނީ، މި މުއާމަލާތުގެ ސަބަބުން ފައިސާގެ ސަޕްލައި އިތުރުވެ، އިންފްލޭޝަން މައްޗަށް ދިއުމުގެ ބިރު އޮތް ކަމަށާއި، ސެކަންޑަރީ މާކެޓް މެދުވެރިކޮށް ކުރި ނަމަވެސް، މީގެ ނަތީޖާ ވާނީ ސީދާ ސަރުކާރަށް މަރުކަޒީ ބޭންކުން ދަރަނި ދިނުމާ އެއްފަދަ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.