މާލޭ ސިޓީ ކައުންސިލްގެ އޮޑިޓް ކޮމިޓީގެ ޗެއާކަމަށް ޝިފާނާ

މާލޭ ސިޓީ ކައުންސިލްގެ އޮޑިޓް ކޮމިޓީގެ ޗެއާކަމަށް ޝިފާނާ

Author
އަހުމަދު
22 ޖުލައި 2026 05:16
0

މާލޭ ސިޓީ ކައުންސިލްގެ އޮޑިޓް ކޮމިޓީގެ ޗެއާގެ މަގާމަށް، މައްޗަންގޯޅި މެދު ދާއިރާގެ އެމްޑީޕީ ކައުންސިލަރު ހައްވާ ޝިފާނާ މިއަދު ހަމަޖައްސައިފި އެވެ.

ޝިފާނާ އެ މަގާމަށް ހަމަޖެއްސީ މިއަދު ބޭއްވި ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައި، ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮންނަނީ އެމްޑީޕީއަށެވެ. އެ ކޮމިޓީގެ ނައިބު ޗެއާގެ މަގާމުގައި އިންނަވާނީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ ކައުންސިލަރު އިސްމާއިލް ހަލީމެވެ.

ޝިފާނާ އެ މަގާމަށް އައްޔަންކުރީ، ކުރިން އެ މަގާމުގައި ހުންނެވި ހުޅުމާލެ މެދު ދާއިރާގެ ޕީއެންސީ ކައުންސިލަރު އަހުމަދު ސަނީފު ހަނީފު، މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެއް ދުވަސް ވެސް ނުވަނީސް، މީގެ ދެ ހަފުތާ ކުރިން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ސަނީފަކީ 'ބިންވެރިޔާ' ސްކީމްގެ ދަށުން ގޯތި ދޫކޮށްފައި ނުވާ މީހަކަށް، އެޗްޑީސީގެ ތެރެއިން ބިން ދިން މައްސަލައިގައި، އެ ކުންފުނީގެ ޗީފް ރިއަލް އެސްޓޭޓް އޮފިސަރުގެ މަގާމުގައި ހުންނަވަނިކޮށް ވަޒީފާއިން ވަކިކޮށްފައިވާ ބޭފުޅެކެވެ. އޭނާ އޮޑިޓް ކޮމިޓީގެ ޗެއާގެ މަގާމަށް އައްޔަންކުރި ހިސާބުން، އެފަދަ ތުހުމަތުތަކެއް ހުއްޓައި އެ ޒިންމާ ހަވާލުކުރުމާ މެދު އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުކުރި އެވެ. އޭނާ އިސްތިއުފާ ދެއްވީ އެ ފާޑުކިޔުންތަކާ ގުޅިގެންނެވެ.

ކައުންސިލްތަކުގެ ތެރެއިން އެންމެ ބޮޑު ބަޖެޓަކާއި ކުލީ އާމްދަނީއެއް ލިބޭ މާލޭ ސިޓީ ކައުންސިލްގެ އެންމެ ފަހުގެ އޮޑިޓް ރިޕޯޓް ނެރެފައި ވަނީ 2020 ވަނަ އަހަރު އެވެ. އޭގެ ފަހުން ސިޓީ ކައުންސިލުން އެތެރޭގެ އޮޑިޓެއް ހަދާފައި އޮތް ނަމަވެސް، އެ ރިޕޯޓްގެ ބައެއް މައުލޫމާތު ހާމަނުކުރުމަށް އިންފޮމޭޝަން އޮފިސަރު މި ހަފުތާގައި ނިންމުމުން، އެ މައްސަލަ ވެސް ވަރަށް ބޮޑަށް ހޫނުވި އެވެ. މޭޔަރު އާދަމް އާޒިމް ވިދާޅުވީ އިންފޮމޭޝަން އޮފިސަރު އެގޮތަށް ނިންމީ ސިޓީ ކައުންސިލާ މަޝްވަރާ ނުކޮށް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.