ދިގުރަށު ކައިރީ ޕްރޮޕެލާ ޖެހި މަރުވި ޖެނާގެ ޢާއިލާއިން ސްކޫލާ ދެކޮޅަށް ދަޢުވާކޮށްފި

ދިގުރަށު ކައިރީ ޕްރޮޕެލާ ޖެހި މަރުވި ޖެނާގެ ޢާއިލާއިން ސްކޫލާ ދެކޮޅަށް ދަޢުވާކޮށްފި

Author
ހުސެއިން
20 ޖުލައި 2026 10:40
0

އދ. ދިގުރަށު ކައިރީ ސްނޯކްލިންގ ކުރަނިކޮށް ބޯޓެއްގެ ޕްރޮޕެލާ ޖެހި މަރުވި ސިންގަޕޫރު ދަރިވަރު ޖެނާ ޗާންގެ ޢާއިލާއިން، އޭނާ ކިޔެވި ސްކޫލާ ދެކޮޅަށް ސިންގަޕޫރު ހައި ކޯޓަށް ދަޢުވާ ހުށަހަޅައިފިއެވެ.

ސެއިންޓް ޖޯސެފް އިންސްޓިޓިއުޝަން އިންޓަނޭޝަނަލް (އެސްޖޭއައިއައި) ގެ ގްރޭޑް ނުވައެއްގައި ކިޔެވި ޖެނާ މަރުވީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ސްކޫލުން ލާޒިމުކޮށް ބައިވެރިވާން ޖެހުނު އައުޓްޑޯ އެޑިއުކޭޝަން ދަތުރެއްގައެވެ. ޖެނާގެ ބައްޕަ އެލަން ޗާން އާއި މަންމަ ޑރ. ޖެނިފާ ލައު ހުށަހެޅި ދަޢުވާގައި ބުނަނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ސްކޫލުން އިހުމާލުވި ކަމަށެވެ. ދަތުރުގެ މަންޒިލުގެ ސޭފްޓީ ރަނގަޅަށް ބެލިފައި ނުވާ ކަމަށާއި، ދަތުރު ހިންގި ޖަމާޢަތް ކަމަށްވާ މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމް (އެމްޑަބްލިއުއެސްއާރުޕީ) ގެ ޤާބިލުކަން ސްކޫލުން ވަޒަންކޮށްފައި ނުވާ ކަމަށް ވެސް ދަޢުވާގައި ފާހަގަކޮށްފައިވެއެވެ.

ޖެނާގެ 17 ވަނަ އުފަންދުވަހާ ދިމާކޮށް ދަޢުވާ ހުށަހެޅި ޑރ. ލައު ބުނީ 20 މަހަށްވުރެ ގިނަ ދުވަހު ސްކޫލުން ޖަވާބެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، ކޮންމެ ދޮރެއް ބަންދުވި ކަމަށެވެ. "މި ދަޢުވާ އަކީ ޖަވާބުދާރީ ކުރުވުމަށާއި، މިފަދަ ހާދިސާއެއްގައި ޖެނާ އަކީ އެންމެ ފަހު ކުއްޖާ ކަމަށް ހެދުމަށް ކުރާ މަސައްކަތެއް،" އޭނާ ބުންޏެވެ. ޢާއިލާއިން ވަނީ ޖަނާޒާ ޚަރަދާއި ތަޙުޤީޤާއި ޤާނޫނީ ޚަރަދު ހިމެނޭ ގޮތުން 77,506.87 ސިންގަޕޫރު ޑޮލަރުގެ ސްޕެޝަލް ޑެމެޖެސް ހޯދުމަށް އެދިފައެވެ. މީގެ އިތުރުން ޖެނެރަލް، އެގްރެވޭޓެޑް އަދި އެގްޒެމްޕްލަރީ ޑެމެޖެސްގެ ޢަދަދު ކަނޑައެޅުމަށް ވެސް ކޯޓުގައި ވަނީ އެދިފައެވެ.

ދަޢުވާގެ ތުހުމަތުތައް ދޮގުކޮށް، އެސްޖޭއައިއައި ގެ ސީއީއޯ ޑރ. މައިކަލް ޖޮންސްޓަން ބުނީ ހާދިސާ ހިނގީ ޖެނާ މޫދަށް ފޭބި ފަހުން ބޯޓު ކެޕްޓަން ބޯޓު ފަހަތަށް ޖެއްސުމުން ކަމަށެވެ. ސްކޫލުން މަޢުލޫމާތު ފޮރުވި ކަމަށް ކުރާ ތުހުމަތު ޤަބޫލު ނުކުރާ ކަމަށާއި، ދަޢުވާގައި ސްކޫލަށް ނުޙައްޤު ތުހުމަތުތަކެއް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދިވެހި ފުލުހުން މި މައްސަލަ "އިހުމާލު"ގެ މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންދާއިރު، ދަޢުވާ ކުރުމާ މެދު ޕްރޮސިކިއުޓާ ޖެނެރަލް އޮފީހާ މަޝްވަރާ ކުރަމުންދާ ކަމަށް 2025 ވަނަ އަހަރު ވަނީ ބުނެފައެވެ. އަދި ސިންގަޕޫރު ފުލުހުންގެ އެހީތެރިކަމާއެކު 2025 ވަނަ އަހަރުގެ މެއި މަހު ދަރިވަރުންނާއި ޓީޗަރެއްގެ ބަޔާން ސިންގަޕޫރުގައި ނެގުނު ކަމަށް ރިޕޯޓުތައް ބުނެއެވެ. ހާދިސާ ހިނގީ ދިވެހިރާއްޖޭގެ ސަރަޙައްދެއްގައި ކަމުން، ދިވެހި ފުލުހުންގެ ތަޙުޤީޤު ނިމޭ ގޮތަކީ މި މައްސަލައިގައި މުހިންމު ބައެއް ކަމުގައި ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.