އަންނަ އޮކްޓޫބަރު 27 ގައި ބާއްވާ އިސްރާއީލުގެ އާންމު އިންތިޚާބުގައި އަލުން ސަރުކާރު ހޯދިއްޖެ ނަމަ، ޣައްޒާގައި ޔަހޫދީ އާބާދީތައް ބިނާކޮށްދޭނެ ކަމުގެ ވައުދާއެކު، އެ ގައުމުގެ ކަނާތު ފިޔައިގެ ހަރުކަށި ވަޒީރުން އިސްވެ ޣައްޒާގެ ބޯޑަރު ކައިރީގައި ބޮޑު އެއްވުމެއް ބާއްވައިފި އެވެ.
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގައި ތިއްބެވި އެންމެ ހަރުކަށި ދެ ބޭފުޅުން ކަމަށްވާ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާރ ބެން ގްވީރް އާއި ފައިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް އިސްވެ ތިއްބަވައި އިންތިޒާމު ކުރި މި އެއްވުމުގައި، ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުން އެތައް ހާސް ޔަހޫދީ ވަޒަންވެރިންނާއި ސަރުކާރުގެ ވަޒީރުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ބައިވެރިވި އެވެ. ބައިވެރިން ޣައްޒާއަށް ވަދެގަތުން ހުއްޓުވުމަށް އިސްރާއީލުގެ ދިފާއީ ބާރު (އައިޑީއެފް) އިން އެ ސަރަހައްދު އަސްކަރީ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅި ނަމަވެސް، މުޒާހަރާވެރިން ވަނީ ފުލުހުންގެ ހުރަސްތައް ފަހަނަޅައި ބޯޑަރާ ހަމައަށް ދިޔައި އެވެ. އާއިލާތައް ބަސްތަކުގައި ގެނެސް، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ބައިވެރިކުރި މި ހަރަކާތަކީ ކެމްޕޭން މެޓީރިއަލްތަކާއި ލީފްލެޓްތައް ބެހުމުގެ ފުރުސަތެއްކަން ސާފުކޮށް ފެނިގެންދިޔަ އެވެ.
އެއްވުމުގައި ވާހަކަދައްކަވަމުން ބެން ގްވީރް ވިދާޅުވީ، ތިން އަހަރު ކުރިން ޣައްޒާގެ 70 އިންސައްތަ ސަރަހައްދު އިސްރާއީލުގެ ބާރުގެ ދަށަށް ގެނެވިދާނެ ކަމަށް ބުނިނަމަ ގަބޫލުކުރާނެ މީހަކު ނުހުންނާނެ ކަމަށާއި، މިއަދު އޭނާ ބުނަން އޮތީ މުޅި ޣައްޒާގައި ޔަހޫދީ އާބާދީތައް ބިނާކުރާނެ ވާހަކަ ކަމަށެވެ. "އަހަރެމެން މި އެނބުރި އަންނަނީ ގެއަށް. ޣައްޒާއަކީ އަހަރެމެންގެ ތަނެއް،" ބެން ގްވީރް ވިދާޅުވި އެވެ. އޭގެ އިތުރުން ފަލަސްތީނުގެ ރައްޔިތުން "އަމިއްލައަށް އިޚްތިޔާރުކޮށްގެން" ޣައްޒާ ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކުރުވުމަށް އިސްރާއީލުން މަގުފަހިކޮށްދޭން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސްމޮޓްރިޗް ދެއްކެވި ވާހަކައިގައި ބޮޑަށް އަމާޒުކުރެއްވީ ސިޔާސީ ނުފޫޒަށެވެ. ވެރިކަން ގެއްލިއްޖެ ނަމަ، ފާއިތުވި ހަތަރު އަހަރު ތެރޭގައި ގެނައި "ޒަޔަނިސްޓް އަދި ގައުމީ އާބާދީ ބިނާކުރުމުގެ އިންގިލާބު" ފަހަތަށް ސޮއްސާލައިގެން ހިނގައިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ. ޣައްޒާ އޭނާ ސިފަކުރެއްވީ "އިސްރާއީލުގެ ބިމުގެ ވަކިނުކުރެވޭނެ ބައެއްގެ" ގޮތުގަ އެވެ. ޖޫން މަހު ސްމޮޓްރިޗް ވިދާޅުވެފައި ވަނީ، ޣައްޒާގެ އުތުރުގައި ނިސާނިތް، ދުގިތް އަދި އެލެއި ސިނާއީގެ ނަމުގައި ތިން އާބާދީއެއް ބިނާކުރުމުގެ ފުރިހަމަ ޕްލޭންތައް ނިމި، ނަތަންޔާހޫގެ ހުއްދައަށް މަޑުކުރަމުންދާ ކަމަށެވެ. ދިފާއީ ވަޒީރު އިޒްރޭލް ކަޓްޒް ވެސް ވަނީ އެ ސަރަހައްދުގައި ތިން އަސްކަރީ މަރުކަޒެއް ގާއިމުކުރަން ނިންމާފައިވާކަން ހާމަކުރައްވާފަ އެވެ. އިސްރާއީލުގެ އާންމު އުސޫލަކީ، ފުރަތަމަ އަސްކަރީ މަރުކަޒުތައް ގާއިމުކޮށް، ފަހުން މަޑުމަޑުން މަދަނީ އާބާދީތަކަށް ބަދަލުކޮށް ފުޅާކުރުމެވެ.
މި ޕްލޭންތަކާ ބެހޭ ގޮތުން މިހާތަނަށް ނަތަންޔާހޫ ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. ތާއީދު ކުރައްވާފައި ނުވި ނަމަވެސް، ކުށްވެރި ކުރައްވާ ބަޔާނެއްވެސް ނުނެރުއްވަ އެވެ. މި މައްސަލަ އިސްރާއީލުގެ ކެބިނެޓަށްވެސް އަދި ހުށަހަޅާފައެއް ނުވެ އެވެ. ނަތަންޔާހޫ މިހާރު އިސްވެ ހުންނެވީ އިންތިޚާބާ ހަމައަށް އޮތް ވަގުތީ ސަރުކާރެއްގަ އެވެ. 2025 ވަނަ އަހަރު އެމެރިކާ މެދުވެރިވެގެން އެކުލަވާލި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އޮނިގަނޑުގެ ދަށުން، އިސްރާއީލުން ޣައްޒާގެ 53 އިންސައްތަ ސަރަހައްދަށް ފަހަތަށް ޖެހެން ޖެހޭ ނަމަވެސް، މިހާރު އައިޑީއެފުން ކޮންޓްރޯލް ކުރަނީ ޣައްޒާގެ ގާތްގަނޑަކަށް 60 އިންސައްތަ ސަރަހައްދެވެ. ނަތަންޔާހޫ ވަނީ 70 އިންސައްތައަށްވުރެ ބޮޑު ސަރަހައްދު ހިފުމަށް އަސްކަރިއްޔާއަށް އަމުރު ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕްގެ ސުލްހައިގެ ޕްލޭނުން ވަނީ ޣައްޒާ ހިފުމާއި، ޣައްޒާއަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ކަނޑައެޅުން މަނާކޮށްފަ އެވެ.
2005 ވަނަ އަހަރު ކުރީގެ ބޮޑުވަޒީރު އެރިއަލް ޝެރޯންގެ ވެރިކަމުގައި، ޣައްޒާގައި ހުރި 21 ޔަހޫދީ އާބާދީއެއް އަމިއްލައަށް އުވާލައި، 8,000 އެއްހާ ޔަހޫދީން އެ ސަރަހައްދުން ބޭލި އެވެ. ނަމަވެސް ފަހަކަށް އައިސް ނަތަންޔާހޫގެ ސަރުކާރުން ވަނީ އެ ސިޔާސަތުގެ ބައެއް ބައިތައް ބަދަލުކޮށް، ކުރިން ހުސްކުރި ސަރަހައްދުތަކަށް އިސްރާއީލު މީހުންނަށް އެނބުރި ދެވޭ ގޮތް ހަދާފަ އެވެ. މީގެ އިތުރުން، ހިފާފައިވާ ހުޅަނގު އައްސޭރީގައި އާ އާބާދީތައް ބިނާކުރުމަށާއި މަގުތައް ހެދުމަށް 2.3 ބިލިއަން ޝެކަލް (ގާތްގަނޑަކަށް 766 މިލިއަން ޑޮލަރު) ގެ ޕްލޭނެއް، މިދިޔަ ހަފުތާގައި އިސްރާއީލު ސަރުކާރުން ވަނީ ފާސްކޮށްފަ އެވެ.
ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ހިފާފައިވާ ބިމުގައި ބިނާކުރާ ހުރިހާ ޔަހޫދީ އާބާދީއަކީ ޣައިރު ގާނޫނީ ތަންތަނެވެ. މި ސަބަބާ ހެދި އިނގިރޭސިވިލާތް، ފްރާންސް، ކެނެޑާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް އަދި ނޯވޭ ފަދަ ގައުމުތަކުން ވަނީ އާބާދީ ބިނާކުރުމުގައި ހަރަކާތްތެރިވާ ޖަމާއަތްތަކާއި ފަރުދުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ. ޔޫރަޕްގެ ބައެއް ގައުމުތަކުން ވަނީ ބެން ގްވީރް އާއި ސްމޮޓްރިޗް އެ ގައުމުތަކަށް އެތެރެވުންވެސް މަނާކޮށްފަ އެވެ. ނަމަވެސް، ބައިނަލްއަގުވާމީ ފާޑުކިޔުމުގެ ތެރެއިންވެސް، ފަލަސްތީނުގެ ދައުލަތެއް އުފެދުމުގެ ފުރުސަތު އެއްކޮށް ބަންދުކުރުމުގެ އެޖެންޑާ އެ ފަރާތްތަކުން ދަނީ ހުއްޓުމެއް ނެތި ކުރިއަށް ގެންދަމުންނެވެ.
ކޮމެންޓު ފޮނުވާ