ދިވެހި ރުފިޔާއަށް ކުރިމަތިވެފައިވާ ޕްރެޝަރު ކުޑަކޮށް، ޑޮލަރުގެ އަގު ހަމައަކަށް އެޅެންދެން، ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖައްސާލުމަށް، އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ގައުމު މިހާރު އޮތް އިގްތިސާދީ ހާލަތުގައި، ދައުލަތުގެ ހަރަދުތައް ކަނޑައަޅަންވާނީ ހަމައެކަނި ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތްތަކުގެ ވަށައިގެންނެވެ. އެ ހިދުމަތްތައް ފިޔަވައި، އިމާރާތްކުރުމުގެ އެއްވެސް މަޝްރޫއެއް، ޑޮލަރުގެ ބާޒާރު ހަމައަކަށް އެޅެންދެން ކުރިއަށް ނުގެންދިއުމަށް އެމަނިކުފާނު ލަފާދެއްވި އެވެ.
ރަށްރަށުގައި މިހާރު ފެށިފައި، ނުނިމި ހުރި މަޝްރޫއުތަކުގެ ވާހަކަ ވަކިން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އެ މަޝްރޫއުތަކާ ސަރުކާރުން މުޅިން ދުރަށް ޖެހި، ކައުންސިލްތަކާ ހަވާލުކުރުމަކީ ރަނގަޅު ގޮތެއް ކަމަށެވެ. އެގޮތުން، ކްރޮސް ސަބްސިޑީގެ އުސޫލުން ކައުންސިލްތަކުން އިންތިޒާމް ހަމަޖައްސައިގެން، އެ މަޝްރޫއުތައް ނިންމައިލެވިދާނެ ކަމަށް އެމަނިކުފާނު ދެކިވަޑައިގަންނަވަ އެވެ.
ނަޝީދު މިފަދަ ގޮވާލެއްވުމެއް ގޮވާލެއްވިއިރު، ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ވަނީ 21.25 ރުފިޔާއަށް އަރައި، ރެކޯޑް މިންވަރެއްގައި ހަރުލާފަ އެވެ. ބޭރު ފައިސާގެ މި ދަތިކަން ކުރިމަތިވެފައި ވަނީ، މިއަހަރު ދައްކަން ޖެހޭ ދަރަނީގެ އަދަދު ބޮޑުވުމާއި، އާ އިންވެސްޓްމަންޓްތައް މަދުވުމުގެ އިތުރުން، ސަރުކާރަށް ބޭރުގެ ލޯނު ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައި ވުމުގެ ސަބަބުން ކަމަށް ވިޔަފާރީގެ މާހިރުން ފާހަގަކުރައްވަ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް ވަނީ، ދައުލަތުގެ ބޭރު ފައިސާގެ ރިޒާވާއި ޔޫޒަބަލް ރިޒާވް ބޮޑުތަނުން ދަށްވަމުންދާ ކަން ހާމަކޮށްފަ އެވެ. މިކަން ކުރިމަތިވަނީ، ބޭންކުތަކާއި މުދާ އެތެރެކުރާ ފަރާތްތަކުގެ ފަރާތުން ޑޮލަރަށް އޮތް ޑިމާންޑް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ކަމަށް އެ އިދާރާއިން ބުނެ އެވެ. ރުފިޔާގެ އަގު ހިފެހެއްޓުމަށްޓަކައި މިދިޔަ މަހު ބާޒާރަށް ވިއްކާލި ޑޮލަރުގެ އަދަދު، އޭގެ ކުރީ މަހަށް ވުރެ 43 އިންސައްތަ އިތުރުވެފައިވާ ކަން ވެސް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ކޮމެންޓު ފޮނުވާ