ދުންހޮޅިން މިސްކިތަށް ދުން ވަން ކެފޭއެއް ސިޓީ ކައުންސިލުން ބަންދުކޮށްފި

ދުންހޮޅިން މިސްކިތަށް ދުން ވަން ކެފޭއެއް ސިޓީ ކައުންސިލުން ބަންދުކޮށްފި

Author
އަހުމަދު
17 ޖުލައި 2026 11:20
0

ކުދީނާ ގޯޅީގައި ހުންނަ "ފުޑް ބިސްޓްރޯ" ކެފޭގެ ދުންހޮޅިން ޒިކުރާ މިސްކިތަށް ދުމާއި ވަސް ވަންނާތީ، ހުކުރު ނަމާދަށްފަހު މާލެ ސިޓީ ކައުންސިލުން އެ ކެފޭ މިއަދު ބަންދުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މިއަދު ހުކުރު ނަމާދު ކުރަމުން ދިޔަ ވަގުތު، ފުޑް ބިސްޓްރޯ އިން ކައްކަމުން ދިޔަ ކާނާގެ މިރުސް ވަހުގެ ސަބަބުން ޒިކުރާ މިސްކިތުގައި ނަމާދުކުރަން ތިއްބެވި މީހުން ކޮށިއަރައި ނަމާދުކުރަން އުނދަގޫވި އެވެ. މި މައްސަލައާ ގުޅިގެން ޝަކުވާ ހުށަހެޅުމުން، ހުކުރު ނަމާދަށްފަހު ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުން އެ ތަނަށް ގޮސް، ދުންހޮޅީގެ މައްސަލަ ހައްލުކުރެވެންދެން ވަގުތީގޮތުން އެ ކެފޭގެ ހިދުމަތް ހުއްޓުވި ކަމަށް ކައުންސިލުން ބުންޏެވެ.

އެ ކެފޭގެ ދުންހޮޅިން މިސްކިތަށް ދުމާއި ވަސް ވަންނަ މައްސަލަ ހައްލުކުރުމަށް، ކުރީގައި ވެސް ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުން އެ ތަނަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައި ވެއެވެ. ނަމަވެސް، މި މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިފައި ނުވާ ކަން ކައުންސިލުން ފާހަގަކުރެ އެވެ.

ކައުންސިލުން އިތުރަށް ބުނީ، އެ ޔުނިޓުގެ މުވައްޒަފުން ކެފޭއަށް ވަން ވަގުތު، އެ ތަނުގައި ކައްކަން ތިބި ބިދޭސީންނާއި ހިދުމަތް ހޯދަން ތިބި ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު އެ ތަނުން ފިއްލެވި ކަމަށެވެ.

މާލޭގެ ކެފޭ އަދި ރެސްޓޯރެންޓްތަކުގައި ހަރުކޮށްފައި ހުންނަ ދުންހޮޅިތަކުގެ ސަބަބުން، އާންމުންނަށް ދިމާވާ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، މި މައްސަލަ ދިރާސާ ކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ މިދިޔަ ހަފުތާގައި ނިންމައިފަ އެވެ. އަދި މި މައްސަލަ މިހާރު ވަނީ، އިތުރަށް ދިރާސާ ކުރުމަށްޓަކައި ކައުންސިލްގެ އާބަން ޕްލޭނިން ކޮމިޓީއަށް ފޮނުވައިފަ އެވެ.

މިކަމާ ގުޅޭ ގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި، މި މައްސަލައިގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅާނީ، އާބަން ޕްލޭނިން ކޮމިޓީން ގުޅުންހުރި އެހެން ކޮމިޓީތަކާ މަޝްވަރާ ކުރުމަށްފަހު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.