ޒުވާން ވިޔަފާރިވެރިންނަށް މާލީ އެހީގެ އިތުރުން، ވިޔަފާރީގެ ތަމްރީނާއި މެންޓާޝިޕް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް، އެސްއެމްއީ ޑިޖިޓަލް އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
މި ސޮއިކުރުން އޮތީ ”ޔޫތު އެންޓްރަޕްރިނިއަޝިޕް ފައިނޭންސިން“ އިނީޝިއޭޓިވްގެ ދަށުން، ޒުވާނުންނަށް ދޭ އެހީތެރިކަން އިތުރަށް ފުޅާކުރުމުގެ ގޮތުންނެވެ. މި ފަހުމުނާމާގެ ދަށުން، މި ޕްރޮގްރާމުގެ ފައިދާ ލިބޭ ޒުވާން ވިޔަފާރިވެރިންނަށް ބީސީސީން މެންޓާޝިޕާއި، ވިޔަފާރީގެ ތަމްރީނުގެ އިތުރުން، ވިޔަފާރި ރަސްމީކޮށް ރަޖިސްޓްރީކުރުމުގައި އެހީތެރިކަން ފޯރުކޮށްދީ، މަޝްރޫއުތައް މޮނިޓާކޮށްދިނުމުގެ މަސައްކަތްކުރާނެ އެވެ. މީގެ އަމާޒަކީ ޒުވާނުންނަށް ދެމެހެއްޓެނިވި ވިޔަފާރިތަކެއް ބިނާކުރުމަށް ބޭނުންވާ އަމަލީ ހުނަރު ހޯދައިދިނުމެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އެ ބޭންކްގެ އަމާޒަކީ ހަމައެކަނި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ނޫން ކަމަށާއި، ޒުވާން ވިޔަފާރިވެރިންނަށް ބޭނުންވާ އިލްމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އުފައްދައި، އެ ޒުވާނުން ބާރުވެރިކުރުވުން ކަމަށެވެ.
”ބީސީސީއާއެކު މި ގާއިމުކުރެވުނު ގުޅުމުގެ ސަބަބުން މާލީ އެހީތެރިކަމާއި، މެންޓާޝިޕް އަދި ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބި، ޒުވާން ވިޔަފާރިވެރިންގެ ދަތުރުގެ ކޮންމެ މަރުހަލާއެއްގައި ބޭނުންވާ އިރުޝާދު ލިބޭނެކަން ކަށަވަރުވެގެންދާނެ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރާއްޖޭގެ ކުރިއަށް އޮތް ޖީލުގެ ވިޔަފާރިތަކަށް ވަރުގަދަ ބިންގަލެއް އެޅުމަށް،“ ބަދުރު ވިދާޅުވި އެވެ.
ބީސީސީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ޒިޔާއު ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވުމަށާއި، ރާއްޖޭގެ އުފެއްދުންތެރި އަދި ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅަށް ތާރީފު ހައްގު ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި، ޒުވާން ވިޔަފާރިވެރިންނަކީ އައު އީޖާދުތަކާއި، އުފެއްދުންތެރި ވިސްނުންތަކުގެ އިތުރުން، އިގްތިސާދީ އައު ފުރުސަތުތައް ފަހިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެކެވެ.
”ޒުވާނުންނަށް ބޭނުންވާ އެހީތެރިކަމާއި ވިޔަފާރީގެ ފަހި މާހައުލެއް ޤާއިމުކޮށްދެވިއްޖެނަމަ، މިފަދަ މަޝްރޫޢުތަކުގެ ސަބަބުން އުއްމީދީ އައު ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުވެ، އިތުރު ވަޒީފާގެ ފުރުޞަތުތައް އުފެދިގެންދާނެ،“ ޒިޔާއު ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ