ރާއްޖެއަށް 8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާގެ ދެމީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ މުހައްމަދު މުސްތާކް ޖަމާލް (29އ) އާއި ސިރަޖުދީން ރަޝިތާ (26އ) އެވެ. މި ދެމީހުންނާއެކު މި މައްސަލައިގައި ތިން ދިވެހީންވެސް ހައްޔަރުކޮށްފައިވެއެވެ.
މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށް އަރާ މި މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. ދެ އިންޑިއާ ރައްޔިތުންގެ ލަގެޖުގެ ފުލުގައި ފޯލްސް ބޮޓަމެއް ހަދައި މަސްތުވާތަކެތި ފޮރުވާފައިހުރި ކަމަށް ފުލުހުން ބުނެއެވެ. މުސްތާކް ޖަމާލް އާއި ސިރަޖުދީން ރަޝިތާގެ ކޮންމެ މީހެއްގެ ލަގެޖުން 4.166 ކިލޯގްރާމްގެ މަސްތުވާތަކެތި ފެނިފައިވާއިރު، މުޅި ޖުމްލަ ބަރުދަން 8.3 ކިލޯގްރާމަށް އަރައެވެ. ތަހުލީލުތަކުން އެތަކެތި ޓެޓްރާހައިޑްރޯކެނެބިނޯލް އަދި ކެނެބިނޯލްއަށް ފައްސިވެފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ފުލުހުންގެ ތަހުގީގަށް އިންޑިއާގެ ދެމީހުން ބުނެފައިވަނީ އެ ތަކެއްޗަކީ "ބާއީ" ކިޔާ މީހަކު ފައިސާ ދޭން ބުނެގެން އެތެރެކުރި ތަކެތި ކަމަށެވެ. މިއީ މި ދެމީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރި ތިންވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ފަސް މީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކުރި ނަމަވެސް، ދެވަނަ ފަހަރު އިންޑިއާގެ ދެ މީހުންގެ ބަންދުގެ މުއްދަތު 30 ދުވަހަށް އިތުރުކުރިއެވެ.
ތަކެއްޗާ ހަވާލުވުމަށް ދިޔަ ތިން ދިވެހީން ކަމުގައިވާ އަހުމަދު އަފްރާހު، ހަސަން ޝައްމޫން އަދި އިލްޔާސް އަހުމަދު 30 ދުވަހަށް ބަންދުކުރުމަށް ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އަމުރުކޮށްފައެވެ. މީގެ ތެރެއިން އަހުމަދު އަފްރާހު އަކީ އެމްޕީއެލްގެ ވަޒީފާ އަދާކުރަމުންދާ މީހެކެވެ. އޭނާ ބުނާ ގޮތުގައި، ތަކެއްޗާ ހަވާލުވުމަށް ދިޔަ އިލްޔާސް އަކީ އޭނާގެ ރައްޓެއްސެއް ކަމުން އޭނާއާއެކު ދިޔައީ ކަމަށާއި، މަސްތުވާތަކެއްޗާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ހަސަން ޝައްމޫން ވެސް ހައްޔަރުކޮށްފައިވަނީ ތަކެއްޗާ ހަވާލުވުމަށް ދިޔަ ވަގުތުއެވެ.
ކޮމެންޓު ފޮނުވާ