އަލަތު ކައިވެނީގެ ވަލީމާ ހިލޭ ބޭއްވޭނެ އިންތިޒާމެއް ހަމަޖައްސަނީ

އަލަތު ކައިވެނީގެ ވަލީމާ ހިލޭ ބޭއްވޭނެ އިންތިޒާމެއް ހަމަޖައްސަނީ

Author
އަހުމަދު
15 ޖުލައި 2026 09:22
0

އަލަތު ކައިވެންޏެއް ކުރާ ޒުވާނުންނަށް، ވަލީމާ ބޭއްވުމަށް ހިލޭ ޖާގަ ދޫކުރެވޭނެ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މި ނިންމުން އިޢުލާނުކޮށްފައި ވަނީ ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ. ޖަލްސާގައި މި މައުޟޫޢު ފެންމަތިކުރެއްވީ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފެވެ. އޭނާ ވިދާޅުވީ، ޒުވާނުންނަށް މި ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ވީހާވެސް އަވަހަކަށް އުސޫލެއް ތައްޔާރުކުރަންޖެހޭ ކަމަށެވެ.

ލަބާންގެ ހުށަހެޅުމަށް ތާއީދު ކުރައްވަމުން ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަޙުމަދު ޣާލިބު ވިދާޅުވީ، ޒުވާނުންނަށް ފައިދާވާ ކޮންމެ މަސައްކަތަކަށް ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި، މި ފުރުސަތުގެ އެންމެ ބޮޑު މަޤުޞަދަކީ ޒަވާޖީ ޙަޔާތެއް ފަށާ ޒުވާނުންނަށް މާލީ ބުރަ ލުއިކޮށްދިނުން ކަމަށެވެ.

މޭޔަރު އާދަމް ޢާޒިމް ވަނީ މި މައްސަލަ ފުޅާ ދާއިރާއެއްގައި ދިރާސާ ކުރެއްވުމަށްޓަކައި، ފައިނޭންޝަލް ބަޖެޓް ކޮމިޓީއަށް ފޮނުއްވައި، ސޯޝަލް ސާވިސް އެންޑް ޖެންޑަރ އެންޑް ކޮމިއުނިޓީ ފޭސް ކޮމިޓީ ގުޅިގެން ވާހަކަދައްކައި، ގޮތެއް ނިންމުމަށް ހަމަޖައްސަވާފަ އެވެ. މި މައްސަލައާ މެދު ފައިނަލް ގޮތެއް ނިންމުމަށްޓަކައި، ކައުންސިލްގެ ދެން އޮންނަ ޖަލްސާއަކަށް މި މައްސަލަ ތާވަލުކުރެއްވުމަށް ވެސް ވަނީ ނިންމަވާފަ އެވެ.

މާލޭގައި ކައިވެނީގެ ހަފުލާތަކަށް ބޮޑެތި ޚަރަދުތައް ހިނގާތީ، މިއީ ޒުވާނުންގެ ފަރާތުން އަބަދުވެސް އިވެމުންދާ ޝަކުވާ އެކެވެ. ބައެއް ޒުވާނުން ލޯނު ނަގައިގެން ވެސް ވަލީމާ ބާއްވަން ޖެހޭ ޙާލަތު ދިމާވެއެވެ. މި ބުރަ ލުއިކުރުމަކީ، ދިރިއުޅުމުގެ އައު ބާބެއް ފަށާ ދެމަފިރިންނަށް ލިބިގެންދާނެ ބޮޑު ފަސޭހައެއް ކަމަށާއި، މާލެ ސިޓީގައި ދިރިއުޅޭ ޒުވާނުންނަށް މިކަމުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ކައުންސިލުން ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.