ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިޖިޓަލް ވޮލެޓް 'ސްވައިޕް' މެދުވެރިކޮށް ބައިނަލްއަގުވާމީ އެކައުންޓް ހުޅުވައި، ބޭރު ގައުމުތަކުން ސީދާ އެ ވޮލެޓަށް ފައިސާ ލިބޭ ހިދުމަތް އެ ބޭންކުން މިއަދު ތައާރަފުކޮށްފި އެވެ.
މި ހިދުމަތުގެ ދަށުން ކޮންމެ ކަސްޓަމަރަކަށް ވެސް އަމިއްލަ 'އިންޓަނޭޝަނަލް ބޭންކް އެކައުންޓް ނަންބަރެއް' (އައިބޭން) ލިބޭނެ އެވެ. އަދި އެ ނަންބަރު ބޭނުންކޮށްގެން ޑޮލަރު، ޔޫރޯ އަދި ޕައުންޑުން ބޭރު ގައުމުތަކުގެ އެކައުންޓްތަކުން ސީދާ ސްވައިޕް ވޮލެޓަށް ފައިސާ ފޮނުވޭނެ އެވެ. ބައިނަލްއަގުވާމީ ޓްރާންސްފާއެއް ހިންގުމާ އެކު، ވަގުތުން ކަސްޓަމަރުގެ ވޮލެޓަށް އެ ފައިސާ ޖަމާވާނެ ކަމަށާއި، ސްވައިޕަށް ލިބޭ ޕީ-ޓު-ޕީ ޓްރާންސްފާތަކުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، މިއީ ކަސްޓަމަރުން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އައި ހިދުމަތެކެވެ. ހާއްސަކޮށް ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކާއި، އަމިއްލަ ވިޔަފާރިވެރިންނާއި، ބޭރުގެ ފަރާތްތަކާ އެކު މުއާމަލާތްކުރާ ވިޔަފާރިތަކަށް މީގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ބޭރު ގައުމެއްގައި ބޭންކް އެކައުންޓެއް ހުޅުވައިގެން، އެ ގައުމެއްގެ ލޯކަލް ޕޭމަންޓެއް ހެން ވަގުތުން އިންސްޓަންޓްކޮށް ފައިސާ ޖަމާވެގެންދާނެ،" ޝަރީފް ވިދާޅުވި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި، މިއީ ސްވައިޕަކީ ފުރިހަމަ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމަކަށް ހެދުމަށާއި ރާއްޖޭގެ އިގްތިސާދީ އަދި އީޖާދީ ހަރަކާތްތަކަށް އެހީތެރިވުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.
މި އަހަރުގެ ކުރީކޮޅު ބީއެމްއެލުން ތައާރަފުކުރި ސްވައިޕް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު މިހާރު 20,000 އިން މައްޗަށް އަރައި، 3,300 އަށް ވުރެ ގިނަ މާޗަންޓުން މި ހިދުމަތް ބޭނުންކުރެ އެވެ. މިއީ ރާއްޖޭގައި އެންމެ ހެޔޮ އަގުގައި އަދި އެންމެ އަވަހަށް ފައިސާ ސެޓްލްކޮށްދޭ އެއް ޑިޖިޓަލް ޕޭމަންޓް ހިދުމަތެވެ.
ކޮމެންޓު ފޮނުވާ