ވިލިމާލޭގައި ހުރި ބޮޑު ނިކަގަހެއް ކަނޑާލި ބަޔަކު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
ވިލިމާލޭގެ ޕާކެއްގައި ހުރި އެ ނިކަގަސް ކަނޑާލާފައި އޮތް މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯތައް، ރޭ އާންމު މީހަކު އެކްސްގައި ހިއްސާ ކުރުމުން، އެކަން ބޮޑު ފާޑުކިޔުމަކަށް ވެގެންދިޔަ އެވެ.
އެ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމުން މާލެ ސިޓީ ކައުންސިލުން ބުނީ ނިކަގަސް ކަނޑާލީ އެ ކައުންސިލުން ނޫން ކަމަށާއި، އެ ގަސް ކެނޑި ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އާއި ވީޑިއޯތަކުން ފެންނަނީ ސިޓީ ކައުންސިލުގެ ހުއްދަ އޮތް ކަން ބަޔާންކުރާ، މަގު ބަންދު ކުރުމުގެ ބޯޑެއް އެ ސަރަހައްދުގައި ބަހައްޓާފައި ހުރި މަންޒަރެވެ. މީގެ އިތުރުން، ފުލުހުން މަގު ބަންދު ކުރުމަށް ބޭނުންކުރާ ޓޭޕާއި ކޯން ވެސް އެ ސަރަހައްދުގައި ޖަހާފައި ހުރި ކަން ފޮޓޯތަކުން ފެނެ އެވެ.
އަދި ގަސް ކެނޑުމުގެ މަސައްކަތުގައި އުޅެނިކޮށް ވީޑިއޯ އާއި ފޮޓޯތަކުން ފެންނަނީ ވެމްކޯގެ މުވައްޒަފުންނެވެ.
ކޮމެންޓު ފޮނުވާ