ޝަރުތު ހަމަނުވެ ބިޒްނަސް ޕޯޓަލްގައި ތާށިވެފައި ހުރި އެޕްލިކޭޝަންތަކުގެ ތެރެއިން 1،000 އަށްވުރެ ގިނަ އެޕްލިކޭޝަން ފުރިހަމަކޮށްފައިވާ ކަމަށާއި، ނަމަވެސް އަދިވެސް 11،500 އެއްހައި އެޕްލިކޭޝަން ފުރިހަމަކުރަން ބާކީ އޮތްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ވިދާޅުވީ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން ބައެއް މަރުޙަލާތައް ފުރިހަމަނުކޮށް އަދި ފައިސާ ނުދައްކާ ހުރި 12،000 އަށްވުރެ ގިނަ އެޕްލިކޭޝަން ފާހަގަކުރެވިފައިވާ ކަމަށެވެ. މި މައްސަލަ ޙައްލުކުރުމަށްޓަކައި، މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެފަދަ އެޕްލިކޭޝަންތައް ފުރިހަމަކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް 1،000 އަށްވުރެ ގިނަ ފަރާތަކުން އެ ފުރުޞަތުގެ ބޭނުން ހިފައި، ޝަރުތު ފުރިހަމަކޮށްފައިވާ ކަމަށް ވުޒާރާއިން ބުނެއެވެ.
ދީފައިވާ 14 ދުވަހުގެ މުއްދަތުގެ ތެރޭގައި ފުރިހަމަނުކުރެވޭ އެޕްލިކޭޝަންތައް ސިސްޓަމުން އޮޓަމެޓިކުން ކެންސަލްވެގެންދާނެ ކަމަށާއި، ނަން ރިޒާވްކޮށްފައި ހުރި ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ސަބަބަކީ، ނަން އެއްފަހަރު ކެންސަލްވުމަށްފަހު އަލުން އެ ނަން ހޯދުމަށް އެޕްލައިކުރާއިރު، ނަން ނުލިބުމަކީ އެކަށީގެންވާ ކަމަކަށްވާތީއެވެ. އެހެންކަމުން، ދީފައިވާ މުއްދަތުގެ ތެރޭގައި އެޕްލިކޭޝަން ޕްރޮސެސްކޮށް ނިންމާލުމުގެ މުހިންމުކަން ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
ސިސްޓަމަށް ގެންނަމުންދާ ބަދަލުތަކާއެކު ކުރިއަށްއޮތްތަނުގައި، އެޕްލިކޭޝަން ޕްރޮސެސްކުރުމުގެ މަރުޙަލާގައި ފުރިހަމަކުރަންޖެހޭ ކަމެއް ދިމާވެއްޖެ ނަމަ، އެކަން އަންގާނީ އީމެއިލް، މޯބައިލް އަދި ޕޯޓަލް މެދުވެރިކޮށް ފޮނުވާ ނޮޓިފިކޭޝަނަކުން ކަމަށް ވުޒާރާއިން ވިދާޅުވިއެވެ. އެ ނޮޓިފިކޭޝަން ލިބޭތާ 3 ދުވަހުގެ ތެރޭގައި އެ މައްސަލަ ޙައްލުނުކޮށްފި ނަމަ، ސިސްޓަމުން އޮޓަމެޓިކުން އެ އެޕްލިކޭޝަން ކެންސަލްވެގެންދާނެއެވެ. މި ބަދަލާއެކު، ސިސްޓަމުގައި މަޑުޖެހިފައި ހުންނަ އެޕްލިކޭޝަންތައް މަދުވެ، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ