އެމެރިކާ އާއި އިޒްރޭލުގެ ވައިގެ ހަމަލާއެއްގައި މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން އަވަހާރަކޮށްލި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނައީ، މަޝްހަދުގައި ހުންނަ އިމާމް ރިޒާ ޒިޔާރަތުގައި މިއަދު ފަސްދާނުލައިފި އެވެ.
ހަފުތާއެއް ވަންދެން ތެހެރާން، ގޮމް، ނަޖަފް، ކަރްބަލާ އަދި މަޝްހަދުގައި ކުރިއަށްދިޔަ ހިތާމަފާޅުކުރުމުގެ ހަރަކާތްތަކުގައި 15 މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އީރާނުގެ އޮފިޝަލުން ބުނެ އެވެ. ސިޓީތަކުގެ މަގުތައް ފުރި ބާރުވެފައި ވުމުން، ޒިޔާރަތާ ހަމައަށް ޖަނާޒާގެ އުޅަނދު ވާސިލުނުވެގެން، ފަހުކޮޅު ސަންދޯއް ގެންދަން ޖެހުނީ ހެލިކޮޕްޓަރެއްގައި ކަމަށް ވެސް އެ ފަރާތްތަކުން ފާހަގަކުރެ އެވެ.
އާއިލާގެ ބޭފުޅުންނާ އެކު ބޭއްވި ޖަނާޒާގައި، ބައްޕާފުޅު އަވަހާރަވުމަށް ފަހު ރޫހާނީ ލީޑަރުކަމާ ހަވާލުވެވަޑައިގަތް މުޖްތަބާ ހާމަނައީ ފެނިވަޑައިގެންފައެއް ނުވެ އެވެ. މިދިޔަ 28 ފެބްރުއަރީގައި ބައްޕާފުޅާއި އާއިލާގެ އިތުރު ހަތަރު ބޭފުޅުން ޝަހީދުކޮށްލި ހަމަލާއަށް ފަހު، މުޖްތަބާ އާންމުންގެ ތެރެއަށް ނިކުމެވަޑައިގެންފައެއް ނުވެ އެވެ.
މަޝްހަދުގައި ބޭއްވި އެންމެ ފަހުގެ ހިނގާލުމުގައި، އީރާނުގެ ދިދަޔާއި ހާމަނައީގެ ތަސްވީރުތައް ހިފައިގެން ތިބި މީހުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބަދަލު ހިފުމަށް ގޮވާލި އެވެ. "އަހަރެމެންގެ ރޫހާނީ ލީޑަރުގެ ލެއަށް ހުވާކޮށް ބުނަން، ޓްރަމްޕް، އަހަރެމެން ކަލޭ މަރާލާނަން،" ފަދަ ޝިއާރުތައް ބާރު އަޑުން ގޮވަމުން ދިޔަ އެވެ.
ފަސްދާނުލުމުގެ ކަންތައް ހިނގާދިޔައީ ސަރަހައްދުގައި ނުތަނަވަސްކަން އަނެއްކާވެސް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. އީރާނުގެ ދެކުނުގައި އޮންނަ ބޫޝެހްރު އަދި އެހެން ބައެއް ސަރަހައްދުތަކުން ގޮވުންތަކެއްގެ އަޑު އިވުނު ކަމަށް ރިޕޯޓް ކުރިޔަސް، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ ރޭ އެ ގައުމުގެ ސިފައިން އެއްވެސް ހަމަލާއެއް ދީފައި ނުވާ ކަމަށެވެ.
މިދިޔަ މަހުގެ 17 ގައި ދެ ގައުމުން އެއްބަސްވި ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމަށް ބޮޑެތި ބުރޫތަކެއް އަރާފައި ވަނީ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް ދެވުނު ހަމަލާތަކާއި، އޭގެ ފަހުން އެމެރިކާ އާއި އީރާނުގެ އަސްކަރިއްޔާއާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކާ ގުޅިގެންނެވެ. ނަމަވެސް ފަހަކަށް އައިސް ހަމަލާތައް ވަރުގަދަވެފައި ވިޔަސް، ފުރިހަމަ ހަނގުރާމައަކަށް ދާން ބޭނުންވާ ކަމުގެ އެއްވެސް އިޝާރާތެއް ވޮޝިންޓަނުން ވެސް، އަދި ތެހެރާނުން ވެސް ދީފައެއް ނުވެ އެވެ.
ކޮމެންޓު ފޮނުވާ