ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 9) – ޕެރަގުއޭ މެޗުގައި ފްރާންސްގެ ފޯވާޑް މައިކަލް އޮލީސޭ އަށް ދެއްކި ރީނދޫ ކާޑު ބާތިލްކުރަން ފްރާންސުން ހުށަހެޅި އެޕީލް ފީފާ އިން ބަލައިނުގަނެއްޖެ އެވެ.
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވިދާޅުވީ، ރެފްރީ ދެއްކި ކާޑު އެއިރު އޮތްގޮތުގައި ދަމަހައްޓަން ފީފާ އިން ނިންމައިފި ކަމަށެވެ.
"އޮލީސޭގެ ކާޑާ ގުޅޭ ގޮތުން ފީފާ އިން މިހާރު ވަނީ ގޮތެއް ނިންމައިފައި. ނިންމީ އެ ކާޑު އެގޮތުގައި ބާއްވާށޭ،" ޑެޝޯމްޕްސް ވިދާޅުވި އެވެ.
އޮލީސޭ އަށް ރީނދޫ ކާޑު ދެއްކީ، ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ފްރާންސް އިން ޕެރަގުއޭ 1-0 އިން ބަލިކުރި މެޗުގައި ޕެރަގުއޭގެ މަޓިއަސް ގަލާޒާ އަށް ފައުލެއް ކުރި ކަމަށް ބަލައިގެންނެވެ. ނަމަވެސް، ރީޕްލޭ އިން ފެންނަނީ އޮލީސޭ ހަމައެކަނި ކުރި ކަމަކީ ގަލާޒާގެ ޖޯޒީގައި ހިފެހެއްޓުން ކަމަށްވާތީ، ފްރާންސުން އެޕީލްކުރީ އެއީ ބާތިލްކުރެވެންޖެހޭނެ ކާޑެއް ކަމަށް ބުނަމުންނެވެ.
ފީފާގެ މި ނިންމުމާ އެކު، ކުއާޓާ ފައިނަލުގައި މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗުގައި އޮލީސޭ އަށް އިތުރު ރީނދޫ ކާޑެއް ދައްކައިފިނަމަ، ފްރާންސް ސެމީ ފައިނަލަށް ދަތުރުކުރި ކަމުގައި ވިޔަސް، އެ މެޗު އޮލީސޭ އަށް ގެއްލޭނެ އެވެ.
އުމުރުން 24 އަހަރުގެ އޮލީސޭ އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ފްރާންސް ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ލަނޑެއް ނުޖެހުނަސް، ޓީމުގެ އެހެން ކުޅުންތެރިންނަށް ލަނޑުޖަހަން ގިނަ ފުރުސަތުތަކެއް އޭނާ އަންނަނީ ތަނަވަސްކޮށްދެމުންނެވެ.
ފްރާންސުން މި އެޕީލް ހުށަހަޅަން ހިތްވަރު ލިބުނީ، ދާދި ފަހުން އެމެރިކާގެ ފޯވާޑް ފަލޮރިން ބަލޮގަން އަށް ދެއްކި ރަތް ކާޑު ފީފާ އިން ބާތިލްކުރި ހާދިސާ އިންނެވެ. ބޮސްނިއާއާ ދެކޮޅަށް ކުޅުނު ގަދަ 32 ބުރުގެ މެޗުގައި ބަލޮގަން އަށް ދެއްކި ރަތް ކާޑު ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ބާތިލްކުރީ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ފޯނުކުރައްވައި އެ މައްސަލަ ރިވިއު ކުރެއްވުމަށް އެދިވަޑައިގަތުމަށްފަހު ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ ނިންމުމުގެ ސަބަބުން، ބެލްޖިއަމާ ދެކޮޅަށް އެމެރިކާ ކުޅުނު ގަދަ 16 ބުރުގެ މެޗުގައި ބައިވެރިވުމުގެ ފުރުސަތު ބަލޮގަން އަށް ލިބުނެވެ. މި ނިންމުމާ ގުޅިގެން ފީފާ އަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ.
ކޮމެންޓު ފޮނުވާ