ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގައި އީފާސް ބޭނުންކުރަން ޖެހުމުން ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އާ މިއަދު މަޝްވަރާކޮށްފިއެވެ.
އީސީއާއެކު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، އީފާސްގެ ސަބަބުން ޚާއްސަކޮށް އަތޮޅުތެރޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެގޮތުން އީފާސް މެދުވެރިކޮށް މުއާމަލާތްކުރާއިރު ފޯނު ނަންބަރާއި އީމެއިލް ދިމާނުވުން ފަދަ މައްސަލަތައް އޭނާ ފާހަގަކުރެއްވިއެވެ. މަލީހު އިތުރަށް ވިދާޅުވީ ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ވެސް އީފާސްގެ ސަބަބުން ގިނަ ބައެއްގެ އިންތިޚާބީ ހައްގުތައް ގެއްލިގެން ގޮސްފައިވާ ކަމަށެވެ.
މި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އީސީއާއި، ހޯމް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގުޅިގެން މަސައްކަތްކޮށްދިނުމަށް ޕީއެންއެފުން ވަނީ އެދިފައެވެ. ޕީއެންއެފްގެ މި ކަންބޮޑުވުންތަކާ ގުޅިގެން، ސަރުކާރުގެ ނުފޫޒެއް ނެތި މިކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އީސީގެ މެންބަރުން ދެއްވާފައިވާ ކަމަށްވެސް މަލީހު ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބުގައި ކެންޑިޑެންސީ ހުށަހެޅުމަށާއި، މިނިވަން ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް އީފާސް މަޖުބޫރުކުރުމާ ގުޅިގެން މީގެ ކުރިން ހައިކޯޓަށް ދުސްތޫރީ މައްސަލައެއްވެސް ހުށަހެޅުނެވެ. ނަމަވެސް އޭރު ކޯޓުން ނިންމާފައިވަނީ އެ މައްސަލަ ބަލައިނުގަތުމަށެވެ.
ކޮމެންޓު ފޮނުވާ