އަތޮޅުތެރޭގެ އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވަނީ

އަތޮޅުތެރޭގެ އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވަނީ

Author
އަހުމަދު
29 ޖޫން 2026 10:55
0

އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ހެޔޮ އަގުގައި އުފެއްދުންތައް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި، ރާއްޖޭގެ އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި މިފްކޯގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ހާމިދު ނަޒީމު އިބްރާހީމް ވިދާޅުވީ، މި ޕްލޭންގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދޭނީ ސިޓީތަކާއި މީހުން ގިނައިން ދިރިއުޅޭ ރަށްރަށަށް ކަމަށެވެ. ކުންފުނީގެ އަމާޒަކީ ރައްޔިތުންނާ ވީހާވެސް ގާތުން، ލުއިފަސޭހަ ގޮތެއްގައި މިފްކޯގެ ބާވަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

މި މަސައްކަތުގެ ތެރެއިން މިއަހަރުގެ މެއި މަހު ވަނީ އައްޑޫ ސިޓީ ހިތަދޫގައިވެސް މިފްކޯގެ އައުޓްލެޓެއް ހުޅުވާފައެވެ. މިއީ މާލެއިން ބޭރުގައި ހުޅުވި މިފްކޯގެ ފުރަތަމަ ފިހާރައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިހާރަތައް ޤާއިމުކުރުމުގެ އިތުރުން، ދިވެހިން ގިނައިން ދިރިއުޅޭ ބޭރު ޤައުމުތަކުގައިވެސް މިފްކޯގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު އަންނަނީ ހަމަޖައްސަމުންނެވެ.

އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައިވެސް ވަނީ މިފްކޯގެ ފިހާރައެއް ހުޅުވާފައެވެ. ލަންކާގައި ހުޅުވި މި އައުޓްލެޓުން ފަސްމީރު ބްރޭންޑްގެ އެކި ބާވަތްތަކުގެ މަސްދަޅާއި، ރިހާކުރާއި، ވަޅޯމަހުގެ އިތުރުން ޕެކެޓުކުރި މުގުރިމަސް ލިބެން ހުންނާނެކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.