އީސީގެ ރައީސްކަމަށް ޝަކީލް ހަމަޖެއްސެވުމަށް މަޖިލީހަށް ފޮނުއްވައިފި

އީސީގެ ރައީސްކަމަށް ޝަކީލް ހަމަޖެއްސެވުމަށް މަޖިލީހަށް ފޮނުއްވައިފި

Author
އަހުމަދު
29 ޖޫން 2026 10:53
0

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްކަމުގެ މަޤާމަށް މުޙައްމަދު ޝަކީލް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް މިއަދު ފޮނުއްވައިފިއެވެ.

އީސީގެ ރައީސްކަމުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު ޒާހިދު ކޮމިޝަނުގެ މެންބަރުކަމުންނާއި ރައީސްކަމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ރައީސް ފޮނުއްވި މި މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިހާރު ދިރާސާކުރަން ފަށާފައިވާއިރު، ޝަކީލަށް އެ މަޤާމު ކަށަވަރުވާނީ ކޮމިޓީގެ ރުހުން ލިބި، މަޖިލީހުގެ ތަޅުމަށް ހުށަހަޅައި މެންބަރުންގެ ވޯޓުން ފާސްވުމުންނެވެ.

ޤާނޫނު އޮންނަ ގޮތުން ކޮމިޝަނަށް ރައީސަކު އައްޔަންކުރެވެނީ މެންބަރުންގެ ޤާނޫނީ އަދަދު ހަމަވުމަށްފަހުގައެވެ. މަޖިލީހުގެ ރުހުމާއެކު މި ހިނގާ މަހުގެ 24 ވަނަ ދުވަހު ޝަކީލް އީސީގެ މެންބަރުކަމަށް އައްޔަންކުރެއްވުމުން ކޮމިޝަނަށް ބޭނުންވާ ފަސް މެންބަރުން މިހާރު ވަނީ ހަމަވެފައެވެ.

މީގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަން ކުރެއްވި ޝަކީލަކީ އީސީގެ މަސައްކަތްތަކަށް ފަރިތަ، ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން 2014 ވަނަ އަހަރުގެ ޑިސެމްބަރަށް އީސީގެ ޑިރެކްޓަރ ޖެނެރަލްކަން ކުރައްވާފައެވެ. އަދި އޭގެ ފަހުން 2014 އިން ފެށިގެން 2018 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް އެ ކޮމިޝަނުގެ މެންބަރުކަންވެސް ކުރައްވާފައިވެއެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އިލެކްޝަންސް ކޮމިޝަނުގައި މިވަގުތު ތިއްބެވީ އަލަށް އައްޔަންކުރެއްވި މުޙައްމަދު ޝަކީލްގެ އިތުރުން، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދާއި، މެންބަރު ޙަސަން ޒަކަރިއްޔާ އާއި، މެންބަރު ޢަބްދުލްޙަސީބް އިސްމާޢީލް އަދި މެންބަރު ރިފްޢަތު ޢަބްދުﷲ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.