އައްޑޫގައި ގޫގުލްއިން ހިންގާ ބިޔަ މަޝްރޫއަށް ޕްރޮގްރާމް މެނޭޖަރަކު ހޯދަނީ

އައްޑޫގައި ގޫގުލްއިން ހިންގާ ބިޔަ މަޝްރޫއަށް ޕްރޮގްރާމް މެނޭޖަރަކު ހޯދަނީ

Author
އަހުމަދު
28 ޖޫން 2026 10:38
0

އައްޑޫ ސިޓީގެ ހިތަދޫގައި ގޫގުލް ކުންފުނިން ގާއިމުކުރާ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަންގެ މަސައްކަތަށް ޕްރޮގްރާމް މެނޭޖަރަކު ހޯދަން އެ ކުންފުނިން އިއުލާނުކޮށްފިއެވެ.

ގޫގުލް ކެރިއާސް މެދުވެރިކޮށް އާންމުކޮށްފައިވާ މި އިއުލާނުގައިވާ ގޮތުން، މި މަގާމަށް ހޮވޭ ފަރާތެއްގެ މައިގަނޑު މަސްއޫލިއްޔަތަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ގާއިމުކުރާ ކޭބަލް ލޭންޑިން ސްޓޭޝަން (ސީއެލްއެސް) އާއި އައުޓްސައިޑް ޕްލާންޓް އޮޕަރޭޝަންސް (އޯއެސްޕީ) ގެ މަސައްކަތްތައް ބަލަހައްޓައި، ކަމާގުޅޭ އެންމެހާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމެވެ. މީގެ އިތުރުން، މި މަޝްރޫއުގައި ހިމެނޭ ސަޕްލަޔަރުންނާއި، ކޮންސޯޓިއަމްތަކުގެ އިތުރުން އެހެނިހެން ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތައްވެސް ގާތުން މޮނިޓާކޮށް ވިލަރެސްކުރަން ޖެހޭނީ މި މަގާމަށް ހޮވޭ ފަރާތަކުންނެވެ.

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ޝަރުތުތަކުގެ ތެރޭގައި މެކޭނިކަލް، އިލެކްޓްރިކަލް ނުވަތަ އިންޑަސްޓްރިއަލް އިންޖިނިއަރިންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ހިމެނެއެވެ. އަދި އޭގެ އިތުރުން ޕްރޮގްރާމް މެނޭޖްމަންޓްގެ ރޮނގުން މަދުވެގެން އަށް އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން ލާޒިމުކުރެއެވެ.

ހިތަދޫގައި ގާއިމުކުރާ މި ފެސިލިޓީއަކީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑުކުރުމުގެ ފުރިހަމަ ގާބިލުކަން ލިބިފައިވާ ތަނަކަށް ވެގެންދާނެކަމަށް ކަމާބެހޭ މިނިސްޓްރީން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އަދި މި ބިޔަ މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖެ ވެގެންދާނީ އޭޝިއާ، އޯޝަނިއާ، އެފްރިކާ، ޔޫރަޕް އަދި މެދުއިރުމަތި ގުޅުވައިދޭ ވަރަށް މުހިންމު އަދި އިތުބާރު ހުރި ޑިޖިޓަލް ގޭޓްވޭއަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.