ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ ފަޅުތެރޭގެ އޮޕަރޭޝަންތަކަށް ލުއިފަސޭހަ ގެނައުމުގެ ގޮތުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ހާބަރ ޕޯޓަލް" ގެ ނަމުގައި އައު ޑިޖިޓަލް ޕްލެޓްފޯމެއް ލޯންޗުކޮށްފިއެވެ.
މި ޕޯޓަލްގެ އެންމެ ބޮޑު ބޭނުމަކީ ފަޅުތެރެއަށް ވަންނަ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމާއި، ހުއްދަތަކަށް އެދުމުގެ މަރުހަލާ ދެފުށް ފެންނަ، އަދި އަވަސް ނިޒާމެއްގެ ތެރެއިން ހަމަޖެއްސުމެވެ. މީގެ ސަބަބުން ފަޅުތެރެ ބޭނުންކުރާ އުޅަނދުތަކުގެ ރެކޯޑުތައް ބެލެހެއްޓުމާއި މޮނިޓަރ ކުރުމުގެ ކަންކަން އެމްއޭސީއެލްއަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ. ޕޯޓަލްގެ ޚިދުމަތް އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ދިނުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފިޔަވަހީގައި އިސްކަންދެނީ އުޅަނދުތައް ރަޖިސްޓްރީ ކުރުމަށާއި މި ނިޒާމަށް އާންމުން ހޭލުންތެރިކުރުވުމަށެވެ. މިގޮތުން އުޅަނދުތަކުގެ ވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތައް މިހާރުވެސް ދަނީ ކުރިއަށް ގެންދަމުން ކަމަށާއި، ރަޖިސްޓްރީ ކުރުމުގައި ފަޅުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްއޭސީއެލްއިން މައުލޫމާތު ދޭގޮތުގައި، މި ޕޯޓަލްގައި އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި މި ޕޯޓަލް ފުރިހަމައަށް ބޭނުންކުރަން ފެށުމުން، ވީއައިއޭގެ ފަޅުތެރޭގެ އެއްވެސް ޚިދުމަތެއް ހޯދޭނީ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވެ، ކުރިއާލައި ހުއްދަ ހޯދައިގެން ކަމަށްވެސް އެ ކުންފުނިން ވަނީ އަންގާފައެވެ.
ކޮމެންޓު ފޮނުވާ