ކޯވިޑް-19 ޖައްސާ ވައިރަސް 28 ދުވަސްވަންދެން ބައެއް ތަންތަނުގައި މަރުނުވެ ހުރޭ

ކޯވިޑް-19 ޖައްސާ ވައިރަސް 28 ދުވަސްވަންދެން ބައެއް ތަންތަނުގައި މަރުނުވެ ހުރޭ

ދުނިޔޭގައި ބާރުމިނުގައި ފެތުރެމުންދާ ކޯވިޑް-19 ޖައްސާ ވައިރަސް ބައެއް ތަންތަނުގައި (ސާފޭސް ތަކުގައި) 28 ދުވަސް ވަންދެން މަރުނުވެ ހުންނަކަމަށް ބައެއް ދިރާސާތަކުން ދައްކައިފިއެވެ. މީގެ ތެރޭގައި މޯބައިލް ފޯނުގެ ބޭރުގައާއި، ފައިސާގެ ނޫޓްތަކާއި އަދި މީގެ އިތުރުން ސްޓެއިންލެސް ސްޓީލް ފަދަ މެޓީރިއަލްތައް ހިމެނެއެވެ.

އޮސްޓްރޭލިއާގެ ނޭޝަނަލް ސައިންސް އޭޖެންސީން ހެދި ދިރާސާއިން ހާމަވެގެން ދިޔަގޮތުގައި ކޯވިޑް-19 ބަލި ޖައްސާ ވައިރަސް ސާސް-ކޯވް-2 (SARS-Cov-2) ކުރިން ހީކުރެފައިވާ މުއްދަތަށްވުރެ ގިނަ ދުވަހު ބައެއް ތަންތަނުގައާއި މެޓީރިއަލް ސާފޭސްތަކުގައި ދިރި ހުރެއެވެ. އެހެންނަމަވެސް، މިފަދަ ތަންތަނުގައި ނުވަތަ ސާފޭސްތަކުގައި ގިނަ ވަގުތު ވައިރަސް މަރުނުވެ ދެމިހުންނަ ކަމުގައި ވިޔަސް، މިވަސީލަތްތަކުން އެކަކުގައިން އަނެކަކު ގަޔަށް ވައިރަސް ވާސިލްވުމުގެ ފުރުސަތާއިމެދު އަދިވެސް ސައިންސްވެރިން ސުވާލު އުފައްދައެވެ. މިހާތަނަށް ކުރެވިފައިވާ ހުރިހާ ދިރާސާތަކުންވެސް ޔަގީން ކުރެވިފައިވާ ގޮތުގައި، މިވައިރަސް އެންމެ އާންމުކޮށް އެކަކު ގައިން އަނެކަކުގެ ގަޔަށް ވާސިލްވާ މަގަކީ، ކެއްސާ ކިނބިހި އެޅުމާއި އަދި ވާހަކަހަދެއްކުމުން ވައިގެތެރެއިން ލާފައެވެ.

މީގެކުރިން ކުރެވިފައިވާ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި، މިވައިރަސް އެންމެ ދިގުމުއްދަތަކަށްވެސް، ފައިސާގެ ނޫޓުތަކުގައާއި އަދި ބިއްލޫރިފަދަ ތަކެތީގެ ބޭރުގައި މަރުނުވެ ހުންނަނީ ދެދުވަސް ނުވަތަ ތިން ދުވަސް ވަންދެނެވެ. ޕްލާސްޓިކް އަދި ސްޓެއިންލެސް ސްޓީފަދަ ތަކެތީގައި ގިނަވެގެން 6 ދުވަސް ވަންދެން މިވައިރަސް މަރުނުވެ ހުރެދާނެއެވެ.

އޮސްޓެރޭލިއާގެ ކޮމަންވެލްތް ސައިންޓިފިކް އެންޑް އިންޑަސްޓރިއަލް ރިސާޒް އޯގަނިޒޭޝަން (CSIRO) އިން ކުރި މިދިރާސާއިން ދައްކާ ގޮތުގައި އޮމާން ތަންތަނުގައި، މިސާލަކަށް ފޯނުގެ ބިއްލޫރި ކަވަރުގައި އަދި މީގެ އިތުރުން ޕްލާސްޓިކް އާއި ކަރުދާހުން ތައްޔާރުކޮށްފައިވާ ފައިސާގެ ނޫޓްތަކުގައި (20C (68F ގައި 28 ދުވަސްދެން މިވައިރަސް މަރުނުވެ ހުރެއެވެ. އަދި މިއީ މީހުން ދިރިއުޅޭ ތަންތަނުގައި އާންމުކޮށް ހުންނަ ފިނިހޫނު މިނެވެ. ނުވަތަ ރޫމް ޓެމްޕަރޭޗަރއެވެ. މިގޮތުން ކޯވިޑް-19 ޖައްސާ ވައިރަހާއި ޚިލާފަށް، އާންމު ރޯގާތައް ޖައްސާ ވައިރަސް މިފަދަ ތަންތަނުގައި މަރުނުވެ ހުންނަ މުއްދަތަކީ 17 ދުވަހެވެ.

ކޯވިޑް-19ގެ ވައިރަހުގެ ތަބީއަތް ދެނެގަތުމަށްޓަކާ މިކުރެވުނު ދިރާސަތައް ހަދާފައިވަނީ އަދިރީގައެވެ. ސަބަބަކީ ޔޫވީ ލައިޓް (ފްލޮރިސެންޓް އަލި) ފަދަ ބައެއް އަލީގެ ބާވަތްތަކުން މިވައިރަސް މަރާލެވޭކަމަށް ދިރާސާތަކުން ދައްކާފައި ވާތީއެވެ.

އެހެންނަމަވެސް، ކާޑިފް ޔުނިވަރސިޓީގެ ކޮމަން ކޯލްޑް ސެންޓަރގެ ކުރީގެ ޑިރެކްޓަރ ޕްރޮފެސަރ ރޮން އެކްލްސް ވަނީ މި ދިރާސާއަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވާގޮތުގައި ކޯވިޑް-19 ޖައްސާ ވައިރަސް ބައެއް ތަންތަނުގައި 28 ދުވަސް ވަންދެން މަރުނުވެ ހުރެދާނެކަމަށް ދައްކާ މިފަދަ ދިރާސާތަކުން ބޭކާރުގޮތުގައި ގިނަ ބައެއްގެ ހިތްތަކުގައި ނުތަނަވަސް ކަމާއި ބިރިވެރިކަން އުފައްދައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *