އެމެރިކާގެ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ނިއުޔޯކްގައި ބޭއްވި ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި، އިސްރާއީލާ ދެކޮޅު ތިން ކެންޑިޑޭޓަކު ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މިއީ އެމެރިކާގައި ނުފޫޒުގަދަ ޔަހޫދީ ލޮބީތަކަށް ކުރިމަތިވި ވަރަށް ބޮޑު ސިޔާސީ ލޮޅުމެކެވެ.
ނިއުޔޯކްގެ ތިން ދާއިރާއަކުން ކާމިޔާބު ހޯދި ބްރެޑް ލޭންޑަރ، ކްލެއާ ވެލްޑީސް އަދި ދާރިއާ ލީޒާއަކީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަމަލުތަކަކީ ނަސްލު ނައްތާލުމުގެ ޖަރީމާއެއްކަމަށް ސިފަކޮށް، އިސްރާއީލަށް ދޭ އެހީތައް ކަނޑާލުމަށް ފާޅުގައި ގޮވާލަމުންދާ ތިން ބޭފުޅުންނެވެ. މި ކެންޑިޑޭޓުންނާ ދެކޮޅަށް ޔަހޫދީ ކުންފުނިތަކާއި ލޮބީ ގްރޫޕްތަކުން އެތައް މިލިއަން ޑޮލަރެއް ޚަރަދުކުރި ނަމަވެސް، އިސްރާއީލު ފިޔަވައި ދުނިޔޭގައި އެންމެ ގިނަ ޔަހޫދީން ދިރިއުޅޭ ނިއުޔޯކް ސިޓީގައި އެ ފަރާތްތަކަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ.
މުހައްލިލުންނާއި އެމެރިކާގެ ބޮޑެތި ނޫސްތަކުން ބުނާ ގޮތުގައި، މި ނަތީޖާއިން ދައްކުވައިދެނީ ޑިމޮކްރެޓިކް ޕާޓީގެ ޒުވާން ޖީލު އިސްރާއީލާ ދެކޮޅަށް އެނބުރެމުންދާ މަންޒަރެވެ. ސާވޭތަކުން ދައްކާ ގޮތުގައި އެމެރިކާގެ ޒުވާނުންގެ ގާތްގަނޑަކަށް 70 އިންސައްތަ މީހުން މިހާރު ތިބީ އިސްރާއީލާ ދެކޮޅަށެވެ. މިއީ ނިއުޔޯކްގެ މޭޔަރު ޒަހްރާން މަމްދާނީ ފަދަ ޒުވާން ލީޑަރުންގެ ފިކުރަށް ތާއީދުކުރާ ޒުވާނުންގެ ފަރާތުން ފެންނަމުންދާ ބޮޑު ބަދަލެކެވެ.
ކުރިން އެމެރިކާގައި އިސްރާއީލާ ދެކޮޅަށް އެއްޗެއް ބުނުމަކީ އެންޓި-ސެމިޓިޒަމްގެ ތުހުމަތު އެޅި، ސިޔާސީ ގޮތުން ބާކީވާ ކަމެއް ނަމަވެސް، ޒުވާން ޖީލުން މިހާރު ވަނީ އެ ބިރުވެރިކަން މުގުރާލާފައެވެ. ޣައްޒާގެ ހާލަތާ ގުޅިގެން ހޭލުންތެރިވެފައިވާ ޒުވާނުން ގަބޫލުކުރާ ގޮތުގައި، އެމެރިކާގެ ސިޔާސީ ނިޒާމު އޮތީ އިސްރާއީލުގެ ނުފޫޒުގެ ދަށުގައި ހައިޖެކް ކުރެވިފައެވެ. އެހެންކަމުން މިއީ އެ ނުފޫޒުން އެމެރިކާ ސަލާމަތްކުރަންވީ ވަގުތުކަމަށް ގަބޫލުކޮށް، ޒުވާނުން ދަނީ ފާޅުގައި އިސްރާއީލާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
ކޮމެންޓު ފޮނުވާ