މާލޭގެ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތާ ގުޅިގެން ކުރިމަތިވެފައިވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ޗާންދަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު ވަގުތީގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.
މި ގެނެވުނު ބަދަލާއެކު، އޯކިޑު މަގުން ނުކުންނަ އުޅަނދުތަކަށް ޗާންދަނީ މަގު ހުރަސްކޮށް ބޮޑުތަކުރުފާނު މަގަށް މިހާރު ވަދެވޭނެއެވެ. ސިޓީ ކައުންސިލުން މައުލޫމާތު ދޭގޮތުގައި، މި އިންތިޒާމު ދެމިއޮންނާނީ ބޮޑުތަކުރުފާނު މަގުން މިހާރު ބަންދުކޮށްފައިވާ ސަރަހައްދުގެ މަސައްކަތް އެއްކޮށް ނިމި، އާންމު ދަތުރުފަތުރަށް އަލުން ހުޅުވާލަންދެނެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ހެދުމުގެ ބޮޑު މަޝްރޫއުގެ މަސައްކަތް މިހާރުވެސް ބާރުދުވެލީގައި ކުރިއަށްދެއެވެ. އެގޮތުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މަގު ފުޅާކުރުމުގެ މަސައްކަތް އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ އެމްޓީސީސީން ބުނެފައިވާ ގޮތުގައި، ފުރަތަމަ ފިޔަވަހީގެ ނަރުދަމާއާއި ފެން ހޮޅި ގުޅުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު، މައި ފެން ހޮޅި ވަޅުލުމުގެ 90 އިންސައްތަ މަސައްކަތްވެސް ވަނީ ފުރިހަމަވެފައެވެ. އަދި ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި ކޭބަލް ޖަންކްޝަންތަކާއި ސްޓޯމްވޯޓާ ކެޗްޕިޓްތައް ހަރުކޮށް ނިމޭނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މި ސަރަހައްދުގެ މަސައްކަތް ނިމުމުން ދެން އަމަލީ މަސައްކަތް ފަށާނީ މަސްވެރިންގެ ޕާކުން ފެށިގެން ފަސް ނަމްބަރު ފާލަމާ ހަމައަށެވެ. ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ތާރުއަޅައި މިހާރުވެސް އަންނަނީ ބޭނުންކުރަމުންނެވެ. ޖުމްލަ 455 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މި މަޝްރޫއުގެ ސަބަބުން މާލޭގެ ބޭރުމަގުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ