ޔާމީންގެ ޝަރީޢަތަށް ޖޭއެސްސީން ނުފޫޒުފޯރުވާކަމަށް ބުނެ އިދިކޮޅު އެކަން ކުށްވެރިކޮށްފި

ޔާމީންގެ ޝަރީޢަތަށް ޖޭއެސްސީން ނުފޫޒުފޯރުވާކަމަށް ބުނެ އިދިކޮޅު އެކަން ކުށްވެރިކޮށްފި

Author
މުޙައްމަދު ޖިމީ
11 އޮކްޓޯބަރ 2020 10:01
0

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޝަރީޢަތަށް ނުފޯޒު ފޯރުވުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން މަސައްކަތްކުރާކަމަށް ބުނެ އެކަން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުށްވެރިކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީން ނެރެފައިވާ ބަޔާނެއްގައި ވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ އެކި ލެވެލްގައި، މަސައްކަތްކުރަމުންދާކަމަށެވެ. ޚާއްޞަކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރަމުންދާކަމަށާއި، ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް މިމަހުގެ 8 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ޙުކުމާ ގުޅިގެން ހައިކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައަށް ނުފޫޒުފޯރުވުމަށް ޖޭއެސްސީން މަސައްކަތް ކުރާކަމުގެ މަޢުލޫމާތު އެކޯލިޝަނަށް ލިބިފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

މިއީ ސުޕްރީމްކޯޓުން ދަށު ކޯޓުގެ ޙުކުމަށް ތާއީދު ކުރުމާއެކު، ރައީސް ޔާމީނަށް ކޮށްފައިވާ ޙުކުމަކީ ސިޔާސީ ޙުކުމެއްކަން ދިވެހި ރައްޔިތުންނަށް އިތުރަށް ޔަޤީންވެފައިވާ ދަނޑިވަޅެއްގައި ޖޭއެސްސީގެ އިސްވެރިންނާއި މިސަރުކާރުގެ އިސްވެރިން ގޮތްހުސްވެގެން ކުރަމުންދާ ވަރަށް ދަށުދަރަޖައިގެ ޢަމަލެއްކަމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ތުހުމަތުކޮށްފައެވެ.

"ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުންނަށާއި ކޯޓުތަކަށް ނުފޫޒު ފޯރުވުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ޤާނޫނު އަސާސީގެ 157ވަނަ މާއްދާގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ މުސްތަޤިއްލު، ވަކި ފަރާތަކަށް ބުރަ ނުވާ މުއައްސަސާއެއްގެ ގޮތުގައި ބަޔާންކުރެވިފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެމަނިކުފާނުގެ ލޯޔަރުންނާއި، މިސަރުކާރަށް ތާއީދުކުރާ ފަރާތްތައް ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި ތިއްބަވައިގެން ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދިއުމުން، މިސަރުކާރުން ޝަރުޢީ ނިޒާމުގެ ތެރެއަށް ބާރުފޯރުވާފައިވާ މިންވަރު ވަރަށް ސާފެވެ."

ޕީޕީއެމް ޕީއެންސީގެ ބަޔާނުގައި ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެމަނިކުފާނު ޖަލުގައި ޤައިދުކޮށް ބަހައްޓައިގެން، ދިވެހިރާއްޖެ އަވަށްޓެރި ޤައުމަކަށް ވިއްކާލުމާއި، ސަރުކާރުން ބޭނުންވާހާ ކަންކަން ކުރުމަށް ފުރުޞަތު ތަނަވަސްކުރުމުގެ ގޮތުންކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެމަނިކުފާނު ދޫކޮށްލައިފިނަމަ މިކަންކަމާ ދެކޮޅަށް އަދި ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ސާބިތު ކަމާއެކު ތެދުވާނެކަން މިސަރުކާރަށް ޔަޤީންވާތީކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ނާއިންސާފުން ރައީސް ޔާމީން ޖަލުގައި ބާއްވައިގެން އެމަނިކުފާނަށް ދެމުންދާ އަނިޔާ ކުށްވެރިކޮށް އެއްވެސް ޝަރުޠަކާނުލައި، މިހާރުން މިހާރަށް ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާކަމަށްވެސް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.