ޕީއެސްއެމްއިން ވޯލްޑް ކަޕާ ގުޅުވައިގެން ޒުވާނުންނަށް ޚާއްޞަ ފިއެސްޓާއެއް ބާއްވަނީ

ޕީއެސްއެމްއިން ވޯލްޑް ކަޕާ ގުޅުވައިގެން ޒުވާނުންނަށް ޚާއްޞަ ފިއެސްޓާއެއް ބާއްވަނީ

Author
އަހުމަދު
18 ޖޫން 2026 02:51
0

ވޯލްޑް ކަޕް 2026 އާ ގުޅުވައިގެން، ޕީއެސްއެމްއިން ޒުވާނުންނަށް އަމާޒުކޮށްގެން ޚާއްޞަ ފިއެސްޓާއެއް ބޭއްވުމަށް ނިންމައިފިއެވެ.

"ވީއާ ޓުވެންޓީ ސިކްސް ފިއެސްޓާ" ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވާ ހުކުރު ދުވަހުގެ ރޭގަނޑު ޓީވީއެމްގެ ގޯތިތެރޭގައެވެ. ވޯލްޑް ކަޕް ކުރިއަށްދާ މުއްދަތުގައި ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ 08:30 އިން 11:30 އަށް މި ފިއެސްޓާ އޮންނާނެއެވެ.

ޕީއެސްއެމްގެ އެގްޒެކެޓިވް ޑިރެކްޓަރ، ކްރިއޭޓިވް އެންޑް ޕްރޮޑަކްޝަން މުޙައްމަދު ނިޔާޒް ވިދާޅުވި ގޮތުގައި، މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ވޯލްޑް ކަޕްގެ ފޯރީގައި ވީހާވެސް ގިނަ ޒުވާނުންނާއި އާންމުން ތަފާތު ގޮތަކަށް ބައިވެރިކުރުވުމެވެ. އެއްވެސް އެންޓްރެންސް ފީއަކާ ނުލައި ހިލޭ ވަދެވޭ މި ފިއެސްޓާގައި ކަރޯކޭ، އާމްރެސްލިންގ، ފުޑް ސްޓޯލްތައް އަދި ޒުވާނުންނަށް ކަމުދާނެ ތަފާތު މަޖާ ގޭމްތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން، ބުރާސްފަތި ދުވަހުގެ ރޭތަކުގައި ރާއްޖޭގެ މަޤްބޫލު މިއުޒިކް ބޭންޑް "ޓްރޮޕިކްސް" ގެ ލައިވް ހުށަހެޅުންތައްވެސް ފެނިގެންދާނެއެވެ.

ފިއެސްޓާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރޭގަނޑު 08:30 އިން ފެށިގެން ރެޖިސްޓަރ ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ރެޖިސްޓަރ ކުރާ މީހުންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތްތަކަށް ޚާއްޞަ ގިފްޓް ޕެކްތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. ޕީއެސްއެމްއިން އަންނަނީ ވޯލްޑް ކަޕާ ގުޅުވައިގެން ކުޑަކުދިންގެ ކާނިވަލް ފަދަ ތަފާތު ގިނަ ހަރަކާތްތަކެއް އާންމުންނަށް ހުޅުވާލައިގެން ބާއްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.