ދައުލަތުގެ ބައެއް މަޝްރޫއުތަކަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ބިޑުތަކެއް ގާނޫނާ ޚިލާފަށް ބާތިލުކޮށްފައިވާކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ވެސް މިއަދު ތާއީދުކޮށްފިއެވެ.
ހދ. ހަނިމާދޫ، ހދ. ނޮޅިވަރަންފަރު އަދި ތ. ވިލުފުށީގައި ހައުސިން ޔުނިޓްތަކެއް އެޅުމަށް އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއި އެސްޖޭ ކޮންސްޓްރަކްޝަން ގުޅިގެން ހުށަހެޅި އަންދާސީހިސާބުތައް ދައުލަތުން ބާތިލުކުރި މައްސަލަ އެންމެ ފުރަތަމަ ކާމިޔާބުކުރީ ދަށު ކޯޓުންނެވެ. ނަމަވެސް އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ.
މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވަނީ، އެސްޖޭގެ ބިޑުތައް ބާތިލުކުރުމުގައި ދައުލަތުން އަމަލުކޮށްފައިވަނީ ކަނޑައެޅިފައިވާ އިޖުރާއަތްތަކާ ޚިލާފަށް ކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތްކަމަށް މަތީ މަރުހަލާގެ ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ކަމާބެހޭ އިދާރާތަކުން އިޖުރާއަތްތަކާ ޚިލާފަށް ބިޑުތައް ބާތިލުކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަނަށް ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ހައިކޯޓުގެ މި ހުކުމާއެކު، އެ ބާތިލުކުރި ބިޑުތަކާ ގުޅިގެން ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ މަގު އެ ކުންފުންޏަށް މިހާރު ވަނީ ތަނަވަސްވެފައެވެ.
ކޮމެންޓު ފޮނުވާ