އެމެރިކާގެ ޑެލަސް ސްޓޭޑިއަމްގައި ކުޅުނު ވޯލްޑް ކަޕް 2026 ގެ ފުރަތަމަ މެޗުގައި 4-2 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކޮށް އިންގްލެންޑުން މުބާރާތުގައި ފުރިހަމަ ފެށުމެއް ހޯދައިފިއެވެ.
ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އިންގްލެންޑް ޓީމަށް މެޗުގެ 12 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ކެޕްޓަން ހެރީ ކޭންއެވެ. މިއީ ނޮނީ މަޑުއެކޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. ކްރޮއޭޝިއާގެ މާޓިން ބަޓަރީނާ 36 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައި ވަނިކޮށް، 42 ވަނަ މިނެޓުގައި ކޭން ވަނީ އިތުރު ގޯލެއް ޖަހައި އަލުން ލީޑު ނަގައިދީފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ވަގުތުގެ ތެރޭގައި ޕީޓާ މޫސާ ވަނީ ކްރޮއޭޝިއާއަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވަނީސް، ޖޫޑް ބެލިންހަމް ވަނީ އިންގްލެންޑަށް ތިންވަނަ ފަހަރަށް ލީޑު ހޯދައިދީފައެވެ. އޭގެ ފަހުން މެޗުގެ ކޮންޓްރޯލް އިންގްލެންޑުން ނެގިއިރު، 85 ވަނަ މިނެޓުގައި ބުކަޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތަކުން ބެލިންހަމް ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ ޔަގީންކޮށްދީފައެވެ.
މި މެޗުގައި އިންގްލެންޑުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް ވަނީ ނުރައްކާތެރި ގިނަ ބޯޅަތަކެއް ދިފާއުކޮށްފައެވެ. ޒުވާން އަދި ތަޖުރިބާކާރު ކުޅުންތެރިން ހިމެނޭ ވަރުގަދަ ސްކޮޑަކާއެކު ނުކުތް އިންގްލެންޑަށް މި މޮޅާއެކު ވަނީ ގްރޫޕް އެލް އިން މުހިންމު ތިން ޕޮއިންޓް ކަށަވަރުވެފައެވެ.
ކޮމެންޓު ފޮނުވާ