ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ "ބޯހިޔާވަހިކަން އެންމެނަށް" ސްކީމަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، 58،000 އަށްވުރެ ގިނަ މީހުން އެޕްލިކޭޝަން ހުށަހަޅައިފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި ސްކީމަށް ޖުމްލަ 58،505 އެޕްލިކޭޝަން ވަނީ ލިބިފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ ފްލެޓަށެވެ. އެގޮތުން ފްލެޓް ހޯދުމަށް 35،930 މީހަކު ކުރިމަތިލާފައިވާއިރު، ގޯއްޗަށް އެދި ހުށަހަޅާފައިވަނީ 22،575 މީހުންނެވެ.
މިދިޔަ ޖެނުއަރީ މަހު ހުޅުވާލި މި ސްކީމަށް ފޯމު ހުށަހެޅުމުގެ ސުންގަޑި އެކި ފަހަރު މަތިން އިތުރުކުރުމަށްފަހު، އެންމެ ފަހުން ފުރުސަތު ބަންދުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރު 2:00 ގައެވެ. ސުންގަޑި އިތުރުކުރަން ޖެހުނީ "ބޯހިޔާވަހިކަން" ޕޯޓަލްއަށް ދިމާވި ފަންނީ ބައެއް މައްސަލަތަކާ ގުޅިގެންނެވެ.
މި މަޝްރޫއުގެ ދަށުން ސަރުކާރުގެ އަމާޒަކީ ގްރޭޓާ މާލެ ސަރަހައްދާއި އަލަށް ހިއްކާ ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯއްޗާއި 7,900 ފްލެޓް ދޫކުރުމެވެ. މީގެ ތެރެއިން ފްލެޓްތައް ބެހުމުގައި މާލޭ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ މީހުންގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަކި ކޯޓާއެއް ވަނީ ކަނޑައަޅާފައެވެ.
މި ފަހަރުގެ ސްކީމުގައި އާންމުންނަށް ގިނަ ލުއިތަކެއް ދީފައިވެއެވެ. އޭގެ ތެރޭގައި ދެމަފިރިންގެ ތެރެއިން އެކަކުގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް އަނެކާއަށް ކުރިމަތިލެވޭ ގޮތް ހެދުމާއި، ކުރިން ޖޮއިންޓްކޮށް ގޯތި ލިބިފައިވާ ފަރާތްތަކަށް އެ ދޫކޮށްލުމަށްފަހު ވަކިން ކުރިމަތިލުމުގެ ފުރުސަތު ދިނުން ހިމެނެއެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ އާއިލާތަކަށް ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް ބަދަލުވުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާއިރު، ހުޅުމާލެއާއި ވިލިމާލޭގައި އިމާރާތްކުރާ ބައެއް ފްލެޓްތަކުގެ ބިންގާ މިހާރު ވަނީ އަޅާފައެވެ.
ކޮމެންޓު ފޮނުވާ