ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް އަލުން ހުޅުވާލައިފި

ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް އަލުން ހުޅުވާލައިފި

Author
އަހުމަދު
13 ޖޫން 2026 06:37
0

ޕެންޝަނާ ބެހޭ ޤާނޫނަށް ދާދި ފަހުން ގެނައި އިސްލާޙުތަކާ ގުޅިގެން، ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

ޕެންޝަން އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، 5 އަހަރު ދުވަހުގެ މުއްދަތަށް އައްޔަންކުރާ މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އެވެ. މި މަޤާމަށް އެންމެ ފުރަތަމަ މިދިޔަ އޭޕްރީލް މަހު ހުޅުވާލި ނަމަވެސް، އަލުން ހުޅުވާލަން ޖެހުނީ މިދިޔަ މެއި މަހު ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި 6 ވަނަ އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވުމާ ގުޅިގެންނެވެ. އަލަށް އައްޔަންކުރާ ސީއީއޯގެ މައިގަނޑު މަސްއޫލިއްޔަތަކަށް ވާނީ މި އާ އިސްލާޙުތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރުމާއި މުއައްސަސާގެ ހިންގުން ހަރުދަނާކުރުމެވެ.

ޤާނޫނަށް އަލަށް ގެނައި މުހިންމު ބަދަލުތަކުގެ ތެރޭގައި، އަސާސީ ޕެންޝަނަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންނަށާއި، ދައުލަތުގެ ވަޒީފާތަކާއި އިންތިޚާބީ މަޤާމުތަކަށް އަންނަ ފަރާތްތަކަށް އަސާސީ ޕެންޝަން ނުލިބޭ ގޮތަށް ކަނޑައެޅުން ހިމެނެއެވެ. މީގެ އިތުރުން، ގެދޮރު އިމާރާތްކުރުމަށާއި މަރާމާތުކުރުމަށް ޑައުންޕޭމަންޓުގެ ގޮތުގައި ޕެންޝަން ފަންޑު ކޮލެޓަރަލައިޒް ކުރެވޭ ގޮތް ހެދުމާއި، ފަރުވާއެއް ނެތް ބޮޑެތި ބަލިތައް (ޓަރމިނަލް އިލްނަސް) ތަހައްމަލުކުރާ ފަރާތްތަކަށް ޕެންޝަން ފައިސާ ދޫކުރުމުގެ އިތުރުން، ޙައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.