މިއަހަރުގެ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާ އާއި ބޮސްނިއާ ވާދަކުރި ފޯރިގަދަ މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.
ޓޮރޮންޓޯގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނެގީ ބޮސްނިއާއިންނެވެ. މެޗުގެ 21 ވަނަ މިނެޓުގައި ތަޖުރިބާކާރު ޑިފެންޑަރު ކޮލަސިނެޗް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޫވޯ ލޫކިޗްއެވެ. މި ނަތީޖާއާއެކު ފުރަތަމަ ހާފު ނިމުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން ކެނެޑާއިން ވަނީ ކުޅުން ރަނގަޅުކޮށް ބޮސްނިއާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.
ބޮސްނިއާގެ ޑިފެންސާއި ކީޕަރުގެ ހުށިޔާރުކަމުން ކެނެޑާގެ ގިނަ ހަމަލާތަކެއް ދިފާއުކުރި ނަމަވެސް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސައިލް ލާރިން ވަނީ ލަނޑެއް ޖަހައި ކެނެޑާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުން މޮޅުވާން ކެނެޑާއަށް އިތުރު ރަނގަޅު ފުރުސަތުތައް ލިބި ބޭނުން ނުކުރެވި ދިޔަ ނަމަވެސް، މިއީ އެޓީމަށް ވަރަށް ހާއްސަ ނަތީޖާއެކެވެ. ސަބަބަކީ މީގެ ކުރިން 1986 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކޮށް ކުޅުނު ހުރިހާ މެޗަކުން ބަލިވެފައިވާ ކެނެޑާއިން، މިއީ މި މުބާރާތުގެ ތާރީހުގައި ބަލިނުވެ ނިންމާލި ފުރަތަމަ ފަހަރު ކަމަށް ވުމެވެ.
ކޮމެންޓު ފޮނުވާ