ގަޒުފުގެ ދައުވާއަށް 'އަދަދު' ނޫހުގެ ފިޔާޒާއި ހަސަން ކޯޓުގައި އިންކާރުކޮށްފި

ގަޒުފުގެ ދައުވާއަށް 'އަދަދު' ނޫހުގެ ފިޔާޒާއި ހަސަން ކޯޓުގައި އިންކާރުކޮށްފި

Author
އަހުމަދު
08 ޖޫން 2026 04:59
0

"އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާއަށް އެ ދެ ބޭފުޅުން ކްރިމިނަލް ކޯޓުގައި މިއަދު އިންކާރުކޮށްފި އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން، އެ ދެ ނޫސްވެރިން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެހެންކަމުން ދައުލަތުގެ ފަރާތުން މައްސަލައިގެ ހެކި ހުށަހަޅާފައިވާއިރު، ދިފާއުގައި ހެކި ހުށަހެޅުމަށް ކޯޓުން ވަނީ ފިޔާޒާއި ހަސަންއަށް ފުރުސަތު ދީފަ އެވެ. މިއީ ސިއްރުން ކުރިއަށްގެންދާ ޝަރީއަތަކަށް ވެފައި، މި މައްސަލައާ ގުޅޭގޮތުން ގެގް އޯޑަރެއް ނެރެފައި އޮތުމުން ޝަރީއަތުގެ އިތުރު ތަފްސީލެއް ވަކީލުންވެސް ހާމަކޮށްފައެއް ނުވެ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މި މައްސަލައިގައި ދައުވާކޮށްފައިވަނީ ތަހުގީގު ފެށިތާ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގަ އެވެ. ފުލުހުންގެ ތަހުގީގަށް ހާޒިރުކުރުމުން ފިޔާޒާއި ހަސަން ވަނީ ނޫސްވެރިންނަށް މަސްދަރު ހިމާޔަތްކުރުމަށް ގާނޫނުއަސާސީން ލިބިދޭ ހައްގުގެ ދަށުން ހަނުތިބުމަށް އިހުތިޔާރުކޮށްފަ އެވެ. އަދި ތަހުގީގަށް ފުލުހުން ގެންދިޔަ ލެޕްޓޮޕްތަކާއި ޕެންޑްރައިވް ފަދަ ތަކެތީގެ ޕާސްވޯޑް ދިނުމަށް ކޯޓުން އަމުރުކުރުމުން ފިޔާޒު ވަނީ އެކަމަށްވެސް ދެކޮޅު ހައްދަވާފަ އެވެ.

މީގެ ކުރިން މި މައްސަލައާ ގުޅިގެން ކޯޓުން ނެރެފައިވާ އަމުރަކާ ގުޅޭގޮތުން ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލުކޮށް ޚަބަރު ލިޔުނު ގޮތުން، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ކަނޑައަޅައި "އަދަދު" ނޫހުގެ އެހެން ދެ ނޫސްވެރިއަކު ޖަލަށްލުމަށްވެސް ކޯޓުން ހުކުމްކޮށްފައިވެ އެވެ. ނަމަވެސް އެ ދެ ނޫސްވެރިން މިހާރު މިނިވަންވެފައިވާއިރު، އެ މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.