ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އިސްތިއުފާ ދެއްވައިފި

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އިސްތިއުފާ ދެއްވައިފި

Author
އަހުމަދު
08 ޖޫން 2026 12:20
0

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޒަމީރުގެ އިސްތިއުފާ ދެއްވާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ބައެއް އޮފިޝަލުން ވަނީ އަވަސްއަށް ޔަގީންކޮށްދެއްވާފަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ޒަމީރު އެންމެ ފުރަތަމަ އައްޔަންކުރެއްވީ ފޮރިން މިނިސްޓަރުގެ މަގާމަށެވެ. ފިނޭންސް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ ސެޕްޓެމްބަރު 30، 2024 ގަ އެވެ.

ޒަމީރު އިސްތިއުފާ ދެއްވާފައި މިވަނީ ލޯކަލް ކައުންސިލް އިންތިހާބަށްފަހު ކެބިނެޓަށް ގެނައި ބޮޑު ބަދަލަށްފަހު ފިނޭންސް މިނިސްޓްރީގެ މެންޑޭޓުގެ ތެރެއަށް އިތުރު ބައެއް މަސައްކަތްތައް ހިމަނާފައި ވަނިކޮށެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ މަސައްކަތުގެ ތެރެއަށް ޕަބްލިކް އެންޓަޕްރައިސަސް ހިމަނައި، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްގެ ޒިންމާވެސް ހަވާލުކުރެއްވީ ޒަމީރު އަށެވެ.

މީގެއިތުރުން މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދިވެހި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކެބިނެޓު ލެވަލްގައި އުފައްދާފައިވާ ކޮމިޓީގެ ޗެއާ އަކީވެސް ޒަމީރު އެވެެ.

ފިނޭންސް މިނިސްޓަރުގެ މަގާމުން ޒަމީރު އިސްތިއުފާ ދެއްވާފައި މިވަނީ މާލީ އަދި އިގްތިސާދީ އުދަނގޫ ހާލަތުން އަރައިގަތުމަށް މިސަރުކާރުން ކުރަމުން ދިޔަ މަސައްކަތުގައި ރަނގަޅު ނަތީޖާއެއް ނެރެވުނު ވަގުތެއްގައެވެ. އެގޮތުން ޒަމީރުގެ ފިނޭންސް މިނިސްޓަރު ކަމުގައި މިދިޔަ އޭޕްރީލް މަހު ކޮންމެހެން ދައްކަންޖެހިފައި އޮތް 500 މިލިއަން ޑޮލަރުގެ ސްކޫކުވެސް ސަރުކާރުން ވަނީ ދައްކާފަ އެވެ.

ސްކޫކު ދެއްކުމާ އެކު ދުނިޔޭގެ އެންމެ ބޮޑު ރޭޓިން އެޖެންސީ — ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިންވެސް މަތިކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.