ބްރޯޑްކޮމްއަށް ލިބެންޖެހޭ 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ނުލިބި: އޮޑިޓު

ބްރޯޑްކޮމްއަށް ލިބެންޖެހޭ 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ނުލިބި: އޮޑިޓު

Author
އަހުމަދު
07 ޖޫން 2026 08:46
0

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ލިބެންޖެހޭ 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި ހުރިކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓަކުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، 2023 ވަނަ އަހަރުގެ ނިޔަލަށް އެ ކޮމިޝަނަށް 30.6 މިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ. ނަމަވެސް، ކޮމިޝަނުގެ ސަރވަރަށް ދިމާވި މައްސަލައަކާ ގުޅިގެން ލިޔެކިޔުންތައް ގެއްލުމުގެ ސަބަބުންނާއި، 2024 ވަނަ އަހަރުގެ މާލީ ބަޔާންތައް އެކުލަވާލައި އަހަރީ ރިޕޯޓު ތައްޔާރުކޮށްފައި ނުވާތީ، 2024 ގެ ނިޔަލަށް ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދު ކަށަވަރުކުރެވިފައެއް ނުވެއެވެ.

ފިނޭންސް މިނިސްޓްރީގެ ސެޕް ސިސްޓަމުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު ބްރޯޑްކޮމްއަށް 7.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެހެންނަމަވެސް، ފައިސާގެ ރެކޯޑުތައް ފުރިހަމައަށް ބަލަހައްޓާފައި ނުވާތީ، މިއީ ކުރިން ނުލިބި ހުރި 30.6 މިލިއަން ރުފިޔާގެ ތެރެއިން ލިބުނު ފައިސާއެއްކަން ޔަގީންކުރެވޭކަށް ނެތްކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މި މައްސަލަތަކާ ގުޅިގެން އޮޑިޓް އޮފީހުން ވަނީ، ފައިސާއާ ގުޅޭ މުހިންމު ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަށާއި، ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ނުލިބި ހުރި ފައިސާ ހޯދުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެ ކޮމިޝަނަށް ލަފާދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.