ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބޭއްވި ބައި-އިލެކްޝަންގެ ވޯޓުލުމުގެ ވަގުތު ހަމަވެ، ވޯޓު ފޮށިތައް މިހާރު ބަންދުކޮށްފިއެވެ.
މިއަދު ހަވީރު 5:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދިޔައިރު، މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 4،121 މީހަކަށް ލިބިގެންވެއެވެ. އޭގެ ތެރެއިން ހަވީރު 4:00 އާ ހަމައަށް 2،563 މީހުން ވަނީ ވޯޓުލާފައެވެ. މި އިންތިޚާބުގައި މާލެއާއި އައްޑޫ ސިޓީގައި ޖުމްލަ 7 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އެއީ ހިތަދޫ ސްކޫލުގައި ބެހެއްޓި 5 ފޮއްޓާއި، މާލޭގައި ދިރިއުޅޭ މީހުންނަށް ޚާއްޞަކޮށްގެން ދަރުމަވަންތަ ސްކޫލުގައި ބެހެއްޓި 2 ފޮއްޓެވެ.
މި އިންތިޚާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަޙްމަދު ސަޢީދު (ސޮޑާ) އާއި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤް (ސޯބެ) އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި ޕީއެންސީގެ މެންބަރު މުޙައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަމަށް ކަނޑައަޅައި، އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް އޭޕްރީލް 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ޙުކުމް ކުރުމާ ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ