ނިމެން ގާތްވެފައިވާ ގިނަ މަޝްރޫއުތަކެއް ސަރުކާރުން ވަނީ ހުއްޓާލާފަ: ނަޝީދު

ނިމެން ގާތްވެފައިވާ ގިނަ މަޝްރޫއުތަކެއް ސަރުކާރުން ވަނީ ހުއްޓާލާފަ: ނަޝީދު

Author
އަހުމަދު
06 ޖޫން 2026 07:44
0

ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ޗެއާޕާސަން ކަމުގެ ކެމްޕޭނުގައި ހުޅުމާލޭގައި ބޭއްވި ޖަލްސާއެއްގައި، އެމްޑީޕީ ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތަކެއް ނިމެން ގާތްވެފައި ވަނިކޮށް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ކެމްޕޭނުގައި މި ފަހުން ރާއްޖޭގެ 70 އަށް ވުރެ ގިނަ ރަށަށް ކުރެއްވި ދަތުރުފުޅުތަކުން ފެނިވަޑައިގަތީ މަޝްރޫއުތަކުގެ 90 އިންސައްތަ ނިމިފައި ވަނިކޮށް މަސައްކަތްތައް ހުއްޓިފައިވާ މަންޒަރު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ނަރުދަމާ އާއި ކަރަންޓުގެ މަސައްކަތްތަކުގެ އިތުރުން، އިމާރާތް ކުރުމުގެ ގިނަ މަސައްކަތްތަކެއް ފަށައި ނުނިމި ހުރިކަން ފާހަގަކުރެއްވި އެވެ. ކަންކަން ފަށާފައި ނުނިންމާ ހުރުމަކީ ގައުމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވެސް ނަޝީދު ސިފަކުރެއްވި އެވެ.

ރާއްޖޭގެ އިގުތިސާދާއި ދަރަނީގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ، ދަރަނި ނަގައިގެން ކުރާ މަސައްކަތްތައް ބޭކާރުކޮށްލުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި 2008 ވަނަ އަހަރު އެމްޑީޕީން ފުރަތަމަ ވެރިކަމާ ހަވާލުވިއިރު، ސުނާމީއާ ގުޅިގެން ފަށައި ނުނިމި ހުރި 32 މަޝްރޫއެއް ނިންމުމަށް އިސްކަންދެއްވިކަން ހަނދާންކޮށްދެއްވަމުން، މިހާރު އޮތް ދަރަނީގެ މައްސަލަ ބުއްދިވެރިކަމާއެކު ހައްލު ނުކޮށްފިނަމަ ގައުމު ސަލާމަތް ނުވާނެ ކަމުގެ އިންޒާރު ދެއްވި އެވެ. އިގުތިސާދީ ހާލަތު ރަނގަޅު ނުކޮށްފިނަމަ ތަރައްގީގެ ނަމުގައި ކުރާ ހުރިހާ ކަމެއް ބީވެގެން ހިނގައިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ރާއްޖެއަކީ ސާބިތުކަންމަތީ އޮންނަ، ދިވެހިންނަކީ ސަރަހައްދީ ފެންވަރުގައްޔާއި ދުނިޔޭގައި ވެސް ގަދަރުވެރި ބަޔަކަށް ހެދުމުގެ މަގުސަދުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެކަން ހާސިލުކުރުމަށްޓަކައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް އެދިވަޑައިގަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.