ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ދާދިފަހުން އިސްތިއުފާދެއްވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް، ވެރިކަން ކުރާ ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުގެ މަގާމުން ވެސް ވަކިކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސަތު ބެލެހެއްޓެވި ޕީއެންސީގެ ސެނެޓު ބައްދަލުވުމެއްގައި ނާޒިމް އެ މަގާމުން ވަކިކުރަން ނިންމާފައިވާއިރު، މިކަމުގެ ރަސްމީ ސަބަބެއް އެ ޕާޓީން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މީގެ ކުރިން ޕީއެންސީގެ ހުރިހާ މެންބަރުންގެ ސޮޔާއެކު މަޖިލީހުގެ ނައިބު ރައީސްކަމުން އޭނާ ވަކިކުރަން ހުށަހެޅީ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކޮށް، ފިތުނަ އުފައްދައި މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތްކުރި ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލައިގައި ވޯޓަށް އެހުމަށް ކުޑަތަންވެފައި ވަނިކޮށް ނާޒިމް ވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ނާޒިމްގެ އިސްތިއުފާއަށްފަހު، މަޖިލީހުގެ އާ ނައިބު ރައީސަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިހާރު ވަނީ އިންތިޚާބުކޮށްފައެވެ. މި ސިޔާސީ ބަދަލުތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ތަފާތު ތުހުމަތުތައް ކުރަމުންނެވެ. އެގޮތުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ނާޒިމް ވަކިކުރީ ރައީސް މުޢިއްޒު މަގާމުން އަޒުލުކުރަން އުޅޭކަމުގެ ތުހުމަތުގައި ކަމަށް ވިދާޅުވެފައެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވަނީ ސަރުކާރާ ދެކޮޅަށް ޕީއެންސީގެ ބައެއް މެންބަރުން ނުކުންނަން ތައްޔާރަށް ތިބިކަމަށް ވިދާޅުވެފައެވެ.
އެހެންނަމަވެސް، ޕީއެންސީން ވަނީ މި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް، ޕާޓީގެ މެންބަރުން ތިބީ ގަދަކޮށް ސަރުކާރާ އެކުގައި ކަމުގެ ޔަގީންކަން ދީފައެވެ. އާ ނައިބު ރައީސް ހޮވުމަށް ނެގި ވޯޓުގައި ބައެއް ޕީއެންސީ މެންބަރުން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ދިންކަމަށް ބެލެވުނު ނަމަވެސް، އެކަމާ ގުޅޭގޮތުން ޕީއެންސީން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ