އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (އިކޯސޮކް) ގެ މެންބަރުކަން ރާއްޖެއަށް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރެވުމަކީ ރާއްޖޭގެ ތާރީޚުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އދ. ގެ މެންބަރަކަށް ރާއްޖެ ވީތާ 60 އަހަރު ފުރުނުއިރު، ފުރަތަމަ ފަހަރަށް އިކޯސޮކްގެ 2027 އިން 2029 އަށް ހިނގާ ދައުރުގެ ގޮނޑިއެއް ރާއްޖެއަށް ލިބުމާ ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިއީ ބައިނަލްއަޤުވާމީ މައިދާނުގައި ދުނިޔޭގެ ޤައުމުތަކުން ރާއްޖެއާމެދު ބާއްވާ ގާތްކަމާއި ކުރާ އިތުބާރު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. ތަރައްޤީވަމުން އަންނަ ކުޑަ ޖަޒީރާ ޤައުމަކަށް ވުމާއެކު، މޫސުމީ ބަދަލުތަކާއި އިޤްތިޞާދީ ގޮންޖެހުންތަކުގެ ނާޒުކުކަން އެންމެ ރަނގަޅަށް އިޙްސާސްކުރެވޭ އެއް ޤައުމަކީ ރާއްޖެކަން ފާހަގަކުރައްވައި، އެމަނިކުފާނު ވިދާޅުވީ މި މަންސަ ވެގެންދާނީ ތަރައްޤީވަމުން އަންނަ އެހެން ޤައުމުތަކުގެ ޙައްޤުގައި އަޑުއުފުލައި، އެ ޤައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށް ލިބޭ ވަރަށް މުހިންމު ފުރުޞަތަކަށް ކަމަށެވެ.
މީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގެ ދުވެލި ހަލުވިކުރުމަށާއި، ބައިނަލްއަޤުވާމީ ނިޒާމަކީ މިހާރަށްވުރެ އިންސާފުވެރި އަދި ހަރުދަނާ ނިޒާމަކަށް ހެދުމަށްޓަކައި ބޭރުގެ ފަރާތްތަކާ ގުޅިގެން ރާއްޖެއިން ގާތުން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަންވެސް ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ