ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާ ދެކޮޅަށް ހަނުނުތިބެ، އެކުދިންގެ ހައްގުގައި އަޑުއުފުލުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ އިބްރާހިމް ގޮވާލައްވައިފިއެވެ.
އެކަމަނާ މިކަމަށް ގޮވާލެއްވީ ގައުމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން ބޭއްވި "މަޝްވަރާ އޮން ޗައިލްޑް ރައިޓްސް" ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މެޑަމް ސާޖިދާ ވިދާޅުވީ އަނިޔާ ލިބޭ ގިނަ ކުދިން ބިރުން ނުވަތަ ލަދުން އެ ވާހަކަތައް ހިއްސާނުކޮށް ހަނުތިބޭ ކަމަށެވެ. އެހެންކަމުން އެފަދަ ވަގުތުތަކުގައި ކުދިންގެ އިހުސާސްތައް ދެނެގަނެ، އެކުދިންގެ އަޑުއަހައި، އެކަމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ހިތްވަރު ހުރި ބަޔަކު ތިބުމަކީ ވަރަށް މުހިންމު ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ކުޑަކުދިންނަށް ކުރިމަތިވާ އަނިޔާއާއި އިހުމާލުގެ ސަބަބުން އެކުދިންގެ މުޅި ދިރިއުޅުމަށް ފޮހެލަން ދަތި ލަކުނުތަކެއް ލިބޭކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީއާއި އިންޓަނެޓްގެ ސަބަބުން ކުދިންނަށް ކުރިމަތިވާ އާ ނުރައްކާތަކަށްވެސް އެކަމަނާ ވަނީ އަލިއަޅުއްވާލައްވާފައެވެ. އިންޓަނެޓް ބޭނުންކުރުމުގައި އެކަށީގެންވާ ހުދޫދުތަކެއް ކަނޑަނޭޅިއްޖެނަމަ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާނެކަން ފާހަގަކުރައްވައި، 16 އަހަރުން ދަށުގެ ކުދިން މީސްމީޑިއާ ބޭނުންކުރުން ހަރުކަށިކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެކަމަނާ މަރުހަބާ ވިދާޅުވިއެވެ.
ކުޑަކުދިން ރައްކާތެރިކުރުމަކީ ހަމައެކަނި ބޮޑެތި ކަންތައްތަކެއް ކުރުން ނޫން ކަމަށާއި، ކުދިންގެ ވާހަކަތައް އަޑުއެހުމާއި އުޅުމަށް އަންނަ ބަދަލުތަކަށް ސަމާލުވުމަކީ ދެވޭނެ އެންމެ ބޮޑު ރައްކާތެރިކަން ކަމުގައި މެޑަމް ސާޖިދާ ވިދާޅުވިއެވެ. އަދި 1412 ޗައިލްޑް ހެލްޕްލައިން ފަދަ ވަސީލަތްތަކުގެ ބޭނުން ހިފައި، ކުއްޖެއްގެ ސަލާމަތާއި ކަރާމާތަށް އުނިކަމެއް އަތުވެދާނެކަމަށް ފެންނަ ކޮންމެ ހިނދެއްގައި އެކަމާ ދެކޮޅަށް ތެދުވުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެއް ކަމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ