ބޮޑެތި ދަރަނިތައް ޚަލާސްކުރުމާއެކު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފި

ބޮޑެތި ދަރަނިތައް ޚަލާސްކުރުމާއެކު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފި

Author
އަހުމަދު
03 ޖޫން 2026 09:23
0

ދައުލަތުން ދައްކަންޖެހޭ ބޮޑެތި ދަރަނިތަކެއް ދައްކައި ޚަލާސްކުރުމާ ގުޅިގެން، ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފިއެވެ.

ފިޗުން އާންމުކޮށްފައިވާ ގޮތުގައި ރާއްޖޭގެ ރޭޓިން މިހާރު ވަނީ 'ސީސީ' އިން 'ސީސީސީ މައިނަސް' އަށް މަތިކޮށްފައެވެ. މީގެ ކުރިން ރާއްޖޭގެ ރޭޓިން ދަށްކޮށްފައި އޮތީ ދަރަނި ނުދެއްކިދާނެކަމުގެ ބިރު އޮތުމުންނެވެ. ނަމަވެސް، މިދިޔަ އޭޕްރީލް މަހު އަނބުރާ ދައްކަންޖެހުނު 524.68 މިލިއަން ޑޮލަރުގެ ސުކޫކް ދައްކައި ޚަލާސްކުރުމާއެކު، ދަރަނި ނުދެއްކުމުގެ ނުރައްކާ މިހާރު ކުޑަވެފައިވާކަން އެ އިދާރާއިން ފާހަގަކުރެއެވެ. މި ސުކޫކަކީ 2021 ވަނަ އަހަރު މުއްދަތު ހަމަވި "ސަނީ ސައިޑް" ބޮންޑު ދެއްކުމަށްޓަކައި އޭރުގެ ސަރުކާރުން ނަގާފައިވާ ދަރަންޏެކެވެ.

ސުކޫކުގެ އިތުރުން، ސަރުކާރުން ވަނީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ސުވޮޕް ފެސިލިޓީ ވެސް ދައްކައި ޚަލާސްކޮށްފައެވެ. މީގެ އިތުރުން، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ގެންނަ އިސްލާހުތަކާއި، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާ މާރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވެ، ދަރަނީގެ ނުރައްކަލުން ސަލާމަތްވުމަށް މަގުފަހިވާނެ ކަމަށް ފިޗުން ލަފާކުރެއެވެ.

މި ކުރިއެރުންތަކާއެކުވެސް، ރާއްޖެއަށް އަދިވެސް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފިޗުން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި އާމްދަނީއަށްވުރެ ޚަރަދު ބޮޑުވުމާއި، އެކްސްޕޯޓަށްވުރެ އިމްޕޯޓް އިތުރުވުމުގެ ސަބަބުން އުފެދިފައިވާ މާލީ ޑެފިސިޓްތަކާއި، ބޭރު ފައިސާގެ ރިޒާވް ދަށްވުން ހިމެނެއެވެ. އަދި ފަތުރުވެރިކަމަށް މާބޮޑަށް ބަރޯސާވެފައި އޮތުމަކީވެސް ރާއްޖޭގެ އިގުތިސާދަށް އޮތް ނުރައްކަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

މިއަހަރަކީ ރާއްޖެއިން ޖުމުލަ 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހޭ އަހަރަކަށް ވުމާއެކު، ސަރުކާރުން މިއަހަރަށް ފާސްކޮށްފައިވަނީ ރެކޯޑު އަދަދެއްގެ ބޮޑު ބަޖެޓެކެވެ. ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހުގެ މެދުތެރެއާ ހަމައަށް ލޯނު އަނބުރާ ދެއްކުމަށް އެކަނިވެސް 8.7 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.